ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމު ކުރަން ނިންމައިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލު މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމުކޮށް، މި މަހުގެ 21 އިން ފެށިގެން މި ކިޔު ލައިވްކޮށް، ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ބުނީ މި ކިޔު ލައިވް ކުރުމާއެކު، ހުޅުމާލެ ޓާމިނަލްއިން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން ކަމަށެވެ. އަދި މި ބަދަލާއެކު ހުޅުމާލެ ޓާމިނަލް އިން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ކިޔުގައި ބައިވެރިވުމަށްޓަކައި މި މަހުގެ ތިންވަނަ ދުވަހުގެ ކުރިން ވެހިކަލް ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމް ފުރިހަމަކޮށް ފޮނުވުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.
އީމެއިލް މެދުވެރިކޮށް ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރަށް ފޯމު ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެއެވެ.
އެމްޕީއެލްއިން ބުނީ މި ކިޔުގައި ބައިވެރިވުމަށް މާލެ ކޮމާޝަލް ހާބަރ (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންވާނެ ކަމަށެވެ.
މި ކިޔުގައި ބައިވެރިވުމަށް ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުން ހިމެނެއެވެ.
މީގެއިތުރުން ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވާން ޖެހެއެވެ. އަދި އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއެއް ކަމުގައިވުން ހިމެނެއެވެ.
އެމްޕީއެލްއިން ބުނެފައިވާ ގޮތުން ޕިކަޕްގެ ގޮތުގައި ބެލެވޭނީ އެއް ޓަނުން ފެށިގެން މަތީ ވެހިކަލެވެ.





