ހިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ތަނބުރުދޫ ސަރަހައްދުގައި މި މަހުގެ 4 އިން 11 އަށް ”ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025“ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މި މުއްދަތުގައި މި ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެ ވާހަކަ އާންމުކޮށް އަންގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.
ތަނބުރުދޫ ސަރަހައްދަކީ ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު، ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާމައިގަނޑު މަގުސަދަކީ، ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީއީ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއް ކަމުގައި ވާތީއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭ ގޮތަށް 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.





