ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ޝުކުރު އަދާކުރެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”…ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން!“ ރައީސްގެ މެސެޖުގައިވެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި، ރައްޔިތުންނަށް ފޮނުއްވައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވެސް ވަނީ މީސްމީޑިއާގައި ޕޯސްޓެއް އާންމު ކުރައްވައިފައެވެ.
ރައްޔިތުންގެ އަމަން އަމާން ކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އަސްކަރީ ވިސްނުމާއި އަސްކަރީ ފަލްސަފާއިން ވަކިން މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވުނުތާ މިހާރު ވަނީ 21 އަހަރުވެފައެވެ.





