ގައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ގައުމީ ޔުނިވަރސިޓީގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ރައީސް ކުރެއްވި މެސެޖުގައި ރައީސް ވިދާޅުވީ ”އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު އިލްމީ ހިޔާވައްސަކަށްވުން“ ކަމަށެވެ.
”ގައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް ބާވަންނަ އަހަރު ފުރުމުގެ މުނާސަބަތުގައި މަރްޙަބާއާއި ތަހުނިޔާ އަރިސްކުރަން!“ ރައީސްގެ ޕޯސްޓުގައި ވެއެވެ.
ގައުމީ ޔުނިވަރސިޓީއަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚުސެކެވެ.
ޔުނިވަރސިޓީގެ މަގުސަދަކީ ރާއްޖެ ފުރިހަމަ މިނިވަން އިސްލާމީ ގައުމެއްގެ ގޮތުގައި އަބަދަށް ދަމަހައްޓަން ބޭނުންވާ، އަދި ގައުމުގެ ސަގާފީ، އިޖުތިމާއީ، އިގުތިސާދީ ތަރައްގީއަށާއި، ފަރުދުންގެ ކުރިއެރުމަށް ބޭނުންވާ އިލްމާއި ހުނަރު އުފައްދައި، ހޯދައި، ރައްކާތެރިކޮށް، ފެތުރުމެވެ.
ޔުނިވަރސިޓީގެ ޚާއްސަ މަގުސަދުތަކުގެ ތެރޭގައި އާންމުކޮށް، އިލްމާއި ހުނަރު އިތުރުކޮށް ފުޅާކުރުމާއި، އިސްލާމީ އަދި ދިވެހި އާދަކާދަތަކާއި، އަދަބުތައް ކުރިއަރުވައި ފެތުރުމާއި، ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ދާއިރާތަކުންނާއި، މަތީ ތައުލީމުން މަންފާކުރާނެ ގޮތަކަށް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސާނަވީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނަށާއި ނުވަތަ އެ ފެންވަރުގެ މީހުންނަށް ބޭނުންވާ މަތީ ތައުލީމާއި ތަމްރީނު ދިނުން ހިމެނެއެވެ. އަދި އިލްމީ އަދި ސައިންޓިފިކް ތަހުގީގާއި، ދިރާސާކުރުމާއި، މިފަދަ ހަރަކާތްތަކުގެ ނަތީޖާތައް، ގައުމީ އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ މަންފާއަށްޓަކައި ޝާއިއުކުރުން ހިމެނެއެވެ.





