ފުލުހުންގެ ވަޒީފާގައި ތެދުވެރިކަމާއެކު މަސައްކަތް ކުރުމަކީ މިޒަމާނުގައި ޗެލެންޖެއް ގޮތަށް ނަގަންޖެހޭކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ފުލުހުންގެ ވަޒީފާގައި ތެދުވެރިކަމާއެކު މަސައްކަތް ކުރުމަކީ މި ޒަމާނުގައި ޗެލެންޖެއް ގޮތަށް ނަގަންޖެހޭ ކަމެއް ކަމަށާއި، ކޮންމެ ފުލުހަކު ވެސް އަޒުމު ކަނޑައަޅަން ޖެހެނީ ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ގައުމަށް ޚިދުމަތްކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެއީ ހިތްވަރާއި ކެރުން ހުރެގެން، ގައުމަށް ލޯތްބެއް ހުރެގެންނާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އާދަޔާޚިލާފު ރޫހެއް ހުރެގެން ކުރެވޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ ފުލުހުން ލޯތްބާއި އިހުތިރާމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގޮވައިލައްވައިފައެވެ.





