ގެއްލިގެން ހޯދަމުންދިޔަ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ ”ކޮލަމާ“ ބޯޓު މިއަދު ގއ. އެކެފަރާ ސަރަހައްދަކުން ފެނިފައިވާއިރު، އެ ބޯޓުގެ ކެޕްޓަން އާދަމް ސައީދު (ސައީދުބެ) ފެނުނުއިރު އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:25 ހާއިރުއެވެ.
ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސައީދުބެ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބޯޓު ދުއްވާ ތަނުގައި އޭނާގެ އާއިލާ މީހަކަށެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކެފަރާ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ، ”ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،“ ކަމަށެވެ.
ނިޔާވެފައިވާ ކެޕްޓަން އާދަމް ސައީދުގެ ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިއްޔަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.





