ސިޔާސީ ޕާޓީތަކަށް މި އަހަރު ޖުމްލަ 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގަން ދޭން ޖެހެއެވެ.
ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.
އީސީއިން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް ވަނީ ފައިސާ ދީފައެވެ. އެއީ މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުންނެވެ.
އެންމެ ގިނައިން ފައިސާ ދީފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. ދެވަނައަށް އިދިކޮޅު އެމްޑީޕީއަށެވެ.
ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލް:
ޕީއެންސީ: 13.3 މިލިއަން ރުފިޔާ
އެމްޑީޕީ: 8.4 މިލިއަން ރުފިޔާ
ޖުމްހޫރީ ޕާޓީ: 2.6 މިލިއަން ރުފިޔާ
އެމްޑީއޭ: 1.7 މިލިއަން ރުފިޔާ
އަދާލަތު ޕާޓީ: 1.7 މިލިއަން ރުފިޔާ
އީސީއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީތަކުގައި ތިބީ 144،808 މެންބަރުން ކަމަށެވެ.





