މި ހުސްވި އޮގަސްޓު މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކާއި، ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓު މަހު ފުލުހުންނަށް ޖުމްލަ 972 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
މިއީ ނުލައި މަހާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. ޖުލައި މަހު ހުށަހަޅާފައިވަނީ 939 މައްސަލައެވެ. ޖުލައި މަހު ވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.
އޮގަސްޓު މަހު ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 294 މައްސަލަ ވަނީ ހުށަހަޅާފައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 224 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ހުށަހަޅައިފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ 185 މައްސަލަ، އެއްޗެތި ގެއްލިގެން 88 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލަ، އަނިޔާގެ 45 މައްސަލަ، ގެވެށި އަނިޔާގެ 20 މައްސަލަ، ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ، ފޭރުމުގެ 21 މައްސަލަ އަދި ފޯޖް ކުރުމުގެ 11 މައްސަލައެވެ.





