ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކުރިން ވަޒީފާއިން ވަކިކުރި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޖަމްޝީދަށާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދުގެ ވަޒީފާ އަލުން އިއާދަކޮށްދީފިއެވެ.
މީގެ ތިން އަހަރު ކުރިން ޖަމްޝީދާއި، އަޙްމަދު މުޙައްމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު ތިއްބެވީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައެވެ.
ފުލުހުން މިއަދު ބުނީ ހައިކޯޓުގެ ހުކުމާއެކު އެ ދެ ބޭފުޅުންގެ ވަޒީފާ އިއާދަކޮށްދީފައި ވަނީ ހަމަ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި ކަމަށެވެ.
ފުލުހުންގެ އިދާރާގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމީ 10 އޮކްޓޫބަރު 2022 ގައެވެ.
ފުލުހުންގެ ވަޒީފާއިން އޭރު ވަކިކުރީ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ އިތުރުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުޙައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާޢީލް ޝަމީމެވެ.
ޖަމްޝީދާއި އަޙްމަދު މުޙައްމަދު ފިޔަވައި ދެން ތިއްބެވި އޮފިސަރުން މިހާރު ވެސް ތިއްބެވީ ފުލުހުންގެ ވަޒީފާގައެވެ. އެ ބޭފުޅުންގެ ތެރެއިން ޢަބްދުﷲ ޝަރީފް ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްކޮށްފައެވެ.
އެގޮތުން މި ފަސް ބޭފުޅުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވާފައިވަނީ 2022 ވަނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
އެ ބޭފުޅުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ޖުލައި މަހު ވަނީ މައްސަލަ ބާތިލުކޮށްފައެވެ. އެއީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފާ ކަމަށް ބުނެއެވެ.





