މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި، ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) އަދި އިތުރު މީހެކެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 304.73 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުލްޣަނީ ޢަބްދުލްމަޖީދާއި، އަޙްނަފް އަޝްރަފެވެ.
ބަންދުން ދޫކޮށްލާފައިވާ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.





