ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކޮށް، އެ މީހުން ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ހައްޔަރުކޮށްފައިވަނީ މއ.މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ.މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމުވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
މި މައްސަލައާ ގުޅިގެން ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 3 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާއިރު، އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވެއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާންއާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި އަމުރު ކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.





