ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓުގައި ފެނާއި ނަރުދަމާ ގުޅައި، ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަހައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.އަދި މި މަސައްކަތްތަކަކީ އެ ޓަވަރުތަކަށް މީހުން ބަދަލުވާއިރު، އެ ތަނުގައި ދަތިކަމެއްނެތި ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.
ޢަބްދުލްމަތީން ވިދާޅުވި ގޮތުގައި އެޗްޑީސީއާއި، އެފްޑީސީ ގުޅިގެން ޓަވަރުތަކަށް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތްތައް ވެސް ބާރަށް ކުރިޔަށް އެބަދެއެވެ.
އެގޮތުން ޓަވަރުތަކާއި ވަކިވަކި އެޕާޓުމަންޓްތަކަށް ޚިދުމަތް ގުޅުމާއި، ކަނެކްޝަންތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޚިދުމަތްތަކަށް ރަޖިސްޓްރީކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި، ސޮއިކުރުން ކުރިއަށްދާ ސަރަހައްދުގައި ޚާއްސަ ސްޓޯލެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަނެކްޝަން ގުޅުމަށް ފޯމު ހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، އެނޫންވެސް ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އެ ތަނުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ.
މަތީން ވިދާޅުވި ގޮތުގައި ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ފްލެޓުތަކަށް މީހުން ވަންނައިރު ވެސް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެއެވެ.





