ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2955 އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެގޮތުން 3070 އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައިވާއިރު، އެފްޑީސީއިން ބުނީ އޭގެތެރެއިން 2955 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށެވެ.
އެފްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ވީހާވެސް އަވަހަކަށް ޔުނިޓުތައް ހަވާލުކުރުން ކަމަށެވެ. އަދި ތިންމަސް ދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުން ކަމަށެވެ.
މީގެއިތުރުން ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެފްޑީސީއިން ބުންޏެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.





