ގައިގައި ކުދި ކުދި އުން ނެގުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ އާއްމު މައްސަލަ އެކެވެ. އާއްމުކޮށް މި އުންތައް ނަގަނީ އަތާއި ކަރު، އަދި މޫނާއި ފައިގަ އެވެ. ނަމަވެސް މަދުން ނަމަވެސް ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް އުންތައް ނަގާ އުޅެ އެވެ.
ޚާއްޞަކޮށް މޫނުގައި އުން ނަގާނަމަ، ބައެއް މީހުންނަށް އެއީ ވަރަށް ލަދުގަންނަން ޖެހޭ އަދި އެމީހާގެ ރީތި ސިފަ ހުތުރުވާ ސަބަބެއް ކަމަށް ދެކެ އެވެ. މިފަދަ މީހުން ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް މި އުންތައް އަވަހަށް ނައްތާލުމަށެވެ. ގިނަ ފަހަރު ބާރުގަދަ ބޭސްތަކަށް ނުގޮސް، ގޭގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ތަކެތި ބޭނުންކޮށްގެން ވެސް ރައްކާތެރިކަމާއެކު އުންތައް ނައްތާލެވިދާނެ ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ. ނަމަވެސް މިކަން ކުރަން ޖެހޭނީ ވަރަށް އެކަމަށް ވަގުތު ދީގެން، ފަރުވާތެރިކަމާ އެކުގަ އެވެ. މާއަވަސް އަރުވާލައިގެން ކުރުން ރަނގަޅެއް ނޫނެވެ.
ތިރީގައި މިވަނީ ގައިގައި ނަގާ އުން ނުވަތަ ވާޓްސް ފިލުވާލަން ހެދިދާނެ ބައެއް ހޯމް ރިމެޑީޒް އެވެ.
އެޕްލް ވިނެގާ:
އެޕްލް ވިނެގާ އަކީ އުން ނައްތާލަން ޖެހިދާނެ ރަނގަޅު އެއްޗެކެވެ. ކޮންމެ ދުވަހަކު މަދުވެގެން ތިން ފަހަރު އުމުގައި ނުވަތަ އުންތަކުގައި މިހާކަން ޖެހެ އެވެ. ކުޑަކުޑަ ކަފަކޮޅެއްގައި އެޕަލް ސިޑާ ވިނެގާ ހާކާފައި އުމުގައި ހޭކުމަށްފަހު، ކަފަކޮޅު އިންގޮތަށް ތަތްކޮށްލާފައި ބައިންދާށެވެ. މަދު ދުވަސްކޮޅެއް ތެރޭގައި އުމަށް ކަޅުކުލަ އަރައި މަޑުމަޑުން ނެއްޓޭނެ އެވެ.
ލޮނުމެދު:
ލޮނުމެދަކީ ވެސް އުމުގައި ޖަހަން ރަނގަޅު އެއްޗެކެވެ. ކުދިކުދިކޮށް ލޮނުމެދު ކޮށާލުމަށްފަހު އުމުގައި ހާކާށެވެ. ހިމުންކޮށް ޕޭސްޓަށް ހަދާފައި ހޭކިޔަސް ރަނގަޅުވާނެ އެވެ. މިގޮތަށް ހަދަން ފެށުމުން މަދު ދުވަސްކޮޅެއް ތެރޭ އުން ވެއްޓޭނެ އެވެ.
ލުނބޯ ހުތް:
ކަފަކޮޅެއްގައި ލުނބޯ ހުތް ހާކައި ކަފަކޮޅުން އުމުގައި ހާކާށެވެ. މިގޮތަށް ތަކުރާރުކުރުމުން ވަރަށް މަދު ދުވަސްކޮޅެއް ތެރޭ އުން ވެއްޓެ އެވެ.
އަލުވި ތޮށި:
އުމުގައި އަލުވިތޮށި ހޭކުމުން ވެސް އުން ވަރަށް އަވަހަށް ވެއްޓެ އެވެ. އަދި އަލުވީގެ ދިޔަ ހާކާފައި އެއް ރޭ ބެހެއްޓުމުން ވެސް އުންތައް ވެއްޓޭ ކަމަށް ވެ އެވެ.
ބޭކިން ސޮޑާ:
ކާސްޓާ އޮއިލް އާއި ބޭކިން ސޮޑާ މިކްސް ކޮށް ޕޭސްޓަށް ހަދައި އުންތަކުގައި ޖަހާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ.
އަލަނާސި ޖޫސް:
އަލަނާސީ ޖޫސް އުންތަކުގައި ހޭކުމުން ވެސް ބުޑު ބަލިވަމުން ގޮސް ދެތިން ދުވަސް ތެރޭގައި އުން ވެއްޓޭނެ އެވެ.
މި ހޯމް ރިމެޑީޒްތަކަކީ ގިނަ ބަޔަކު ބޭނުންކޮށްފައި ކާމިޔާބުވެފައިވާ ގޮތްތަކެކެވެ. ނަމަވެސް، އެއްވެސް ފަރުވާއެއް ފެށުމުގެ ކުރިން ޞިއްޙީ މާހިރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.





