ކަޓްމަންޑޫ، ނޭޕާލް – ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ކޭޕީ ޝަރްމާ މިކަން އިއުލާން ކުރެއްވީ މިއަދު ޓީވީ މެދުވެރިކޮށެވެ.
ޝަރްމާ އިސްތިއުފާ ދެއްވީ ނޭޕާލުގައި ސޯޝަލްމީޑިއާ ބަންދުކުރުމާ ގުޅިގެން ހިނގި އަނިޔާވެރި މުޒާހަރާތަކާއި، ކޮރަޕްޝަނާ މެދު ރައްޔިތުންގެ ރުޅިވެރިކަން އިތުރުވުމާ ގުޅިގެން ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ.
މި ހަމަނުޖެހުންތައް ފެށިގެން އައީ ސަރުކާރުން ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް އަދި ވަޓްސްއެޕް ހިމެނޭ ގޮތަށް 26 މުހިންމު ޕްލެޓްފޯމެއް ބަންދުކުރަން ނިންމި ނިންމުމާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
މި މުޒާހަރާކުރާ ފަރާތްތަކުން ވަނީ ޖަވާބުދާރީވުމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލާފައެވެ.
މުޒާހަރާކުރި ފަރާތްތަކުން ވަނީ ސިޔާސީ ފަރާތްތަކުގެ ގޭގޭގައި އަލިފާން ރޯކުރުމުގެ އަމަލުތައް ހިންގާފައެވެ.
ކަޓްމަންޑޫގައި އިއުލާނުކުރެވުނު ކާފިއުއަށް ބެލުމެއްނެތި މުޒާހަރާކުރުމާ ގުޅިގެން އިތުރުވަމުން ދިޔަ ޕްރެޝަރާ ކުރިމަތިލާން ޖެހުމުން، ބޮޑުވަޒީރު ޝަރްމާ ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ވަނީ، ”އަމަންއަމާންކަން އަނބުރާ ގެނައުމަށާއި، ގައުމީ ފެންވަރުގެ މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި“ އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވެފައެވެ.
މިހާރު ނޭޕާލްގައި އޮތީ ސިޔާސީ ގޮތުން ހަމަނުޖެހޭ ހާލަތެކެވެ. ވެރިކަން ކުރަމުންދާ ކޯލިޝަނުން ބޮޑުވަޒީރުގެ މަގާމަށް މީހަކު ހޮވުމަށް މަސައްކަތްކުރަމުންދާއިރު، މުޒާހަރާކުރާ ފަރާތްތަކުން ބުނަމުންދަނީ ނިޒާމީ އިސްލާހުތަކެއް ގެނެވެންދެން އެ މީހުންގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.





