ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ. ލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ދެވަނަ ލެގު 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ދެ ލެގުގެ އެގްރިގޭޓް ނަތީޖާ 4-1 ގެ ގޮތުން ރާއްޖެއަށް މި މުބާރާތް ކާމިޔާބުކުރެވުނީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށެވެ.
މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެހެންކަމުން މިއަދުގެ މެޗަށް ރާއްޖެ ނުކުތީ ބޮޑު ކުރިއެއްގައި އޮވެގެންނެވެ.
ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ. މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖޭގެ މިޑްފީލްޑަރު އަޙްމަދު އައިހަމްއަށް ލިބުނު ފުރުސަތުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ރާއްޖޭގެ ފުލްބެކް ހައިޝަމް ހަސަން ފޮނުވާލި ހަމަލާއެއްވެސް ކީޕަރު ސުޖަން ހުއްޓުވިއެވެ.
އޭގެ ފަހުން ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ ޑިލޯން ޑި ސިލްވާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޑި ސިލްވާ އިތުރު ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ، ދަނޑި ކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓު ފަހުން ރާއްޖޭގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް ދަނޑި ކައިރިން ބޭރަށް ދިޔައިރު، މެޗުގެ 38 ވަނަ މިނެޓުގައި އޭރިއާ ބޭރުން އައިހަމް ފޮނުވާލި ހަމަލާވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ލަންކާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުގެ ޑި ސިލްވާއަށް އިތުރު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މި މެޗުގައި ލަންކާއިން ރާއްޖޭގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފައްދާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އެގޮތުން އޭރިއާ ތެރެއިން އެ ޓީމުގެ ވަސީމް ރަޒީކް ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ފަހުން މި މެޗުގެ 84 ވަނަ މިނެޓުގައި ލަންކާއަށް ކޯނަރަކުން ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ޓީމުގެ ގަރެޓް ކެލީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އޮލިވަރ ކެލާޓް ފޮނުވާލި ބާރު ހަމަލާއެއް ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ލަންކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލާޓެވެ.
މި ނަތީޖާއާއެކު ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު ދެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ. މި ކާމިޔާބީއާއެކު މޯހަންގެ ކޯޗިން ކެރިއަރުގެ ފެށުން ވަނީ ކާމިޔާބު ކަމާއެކު ފެށިފައެވެ.





