ޒަމާނީ ދިރިއުޅުމުގެ ބާރުބޮޑުކަމާއެކު، މައިންބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް އިތުރުވެފައިވެއެވެ. ޚާއްސަކޮށް، ކުޑަކުދިން ބޮޑާހާކަން ފެށުމުން ނުވަތަ އެ ކުދިން މަޑުން ބައިންދަން ބޭނުންވުމުން، އެންމެ ފުރަތަމަވެސް މައިންބަފައިންގެ ހިތަށް އަރާ އެއްކަމަކީ ފޯނު ދިނުމެވެ. މިގޮތަށް ވަރަށް ތުއްތު އިރުއްސުރެ ކުދިންނަށް ފޯނު ދިނުމަކީ މިހާރު އާދައަކަށްވެފައިވާ ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. ނަމަވެސް، މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭ ހާލުގައާއި، ނޭނގޭ ހާލުގައިވެސް މިކަމުގެ ނުރައްކާތައް ދަނީ ބޮޑުވަމުންނެވެ.
ގިނަ ފަހަރު ދަރިފުޅަށް ކާންދެވެނީވެސް ފޯނު ދީގެން ނުވަތަ އެއިން އެއްޗެއް އަޅުވައިގެނެވެ. އަދި އެ ނޫން އިރުއިރުވެސް ދަރިފުޅު ތަނެއްގައި މަޑުން ބައިންދަން ބޭނުންވީމާ ދެނީ ފޯނެވެ. ފޯނުގެ ގެއްލުން ކުޑަކުދިންނަށް އިންތިހާއަށް ބޮޑުކަން އެނގޭ ހާލުގައިވެސް ބައެއް މައިންބަފައިންނަށް މިހާރު ފޯނު ދިނުން ނޫން ގޮތެއް ނޯންނަ ކަހަލައެވެ.
ސައިންސްވެރިންގެ އިންޒާރު
ސައިންސްވެރިން ބުނާ ގޮތުގައި ކުޑަކުދިންގެ އަތަށް ފޯނު ދިނުމުން ނުވަތަ އެއަށް ބަލަހައްޓައިގެން ގިނަ ވަގުތު އިނުމުން އެ ކުދިންގެ ހަނދާން ބަލިވެ އަދި މި ނޫންވެސް އެ ކުދިންގެ ކިބައިގައި ގުދުރަތީ ގޮތުން އުފެދިފައި ހުރި ގިނަ ހުނަރުތަކެއް ތަރައްގީވުމަށް ހުރަސް އެޅެއެވެ. ކުޑައިރުއްސުރެ ފޯނު ދޭން އާދަވެފައިވާ ކުއްޖެއްގެ އަތުން ކުއްލިއަކަށް ފޯނު މުޅިން އަތުލަން ދަތިވެދާނެއެވެ. އަދި ސްކްރީން ބަލާ ވަގުތު މަދުކުރުމުން އެކުދިން ރުޅިއައިސް ބޮޑާހާކާ ރޮއި ހަދާނެއެވެ.
ފޯނުން ސިކުނޑިއަށް ލިބޭ ގެއްލުންތައް
ފޯނު ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ސިކުނޑިއަށް ލިބޭ އެންމެ ބޮޑު ގެއްލުމަކީ ކުއްޖާ އެހެން ހުރިހާ ކަމަކަށް ޣާފިލުވެ އެކަމަށް ގެއްލިފައި އިނުމެވެ. މީހުން އުޅޭ ގޮތެއް، ކުރާ ކަމެއް އަދި ދުނިޔޭގައިވާ އެއްވެސް ކަމެއް ނޭނގޭ ހާލުގައި ކުއްޖާ އެތައް އިރަކު އިންނަ ދިނުމެވެ. ތުއްތުއިރުގެ ހަޔާތަކީ ކުއްޖާގެ ބްރެއިން ސެލްތައް އުފެދޭ ދުވަސްވަރެވެ. އަދި އޭނާގެ ހަނދާނުގެ ބައި ވަރުގަދަވަމުން އަންނަނީވެސް މި ދުވަސްވަރުއެވެ. އެހެންގޮތަކަށް ބުނާނަމަ ވިސްނާނެ ފުރުސަތު ނުލިބި ގިނަ ވަގުތު އެއްކަމަކަށް ގެއްލިގެން އިންނަން ވެއްޖެނަމަ ސިކުނޑީގައި ކަންކަން ރައްކާކުރަން އުނދަގޫވާނެއެވެ.
ކުޑަކުދިން އެކުދިންގެ މައިންބަފައިން ދައްކާ ވާހަކަތައް އަދި ޓީޗަރުން ބުނާ ވާހަކަތައް އަޑު ނާހަނީ މިހެންވެއެވެ. ފޯނަށް ގެއްލިގެން ގިނަ ވަގުތު އިނުމުން އެހެން މީހުން އެ ބުނާ އެއްޗެއް ސިކުނޑިއަށް ނަގައިގަންނަން އެ ކުދިންނަށް އުނދަގޫވަނީއެވެ. މިއީ ކުއްޖާގެ ސިކުނޑި ތަރައްގީވުމުގެ މަރުހަލާއަށް އޮތް ބޮޑު ނުރައްކަލެކެވެ. އެންމެ ގިނަ އެއްޗެތި ދަސްކުރާ އުމުރުގައި، އެންމެ ގިނަ ހުނަރުތައް ތަރައްގީވާ އުމުރުގައި ކުއްޖާގެ މުޅި ފޯކަސް ފޯނުގެ ސްކްރީނަށް ހުއްޓުމުން، ހަނދާން ވަރުގަދަ ކުރުމަށާއި، ހުނަރުވެރިކަން އިތުރުކުރުމަށް އަދި ކުއްޖާ ވިސްނުން ތޫނުވުމަށް ބޭނުންވާ މުހިއްމު ބައިތަކުގެ މަސައްކަތް ހުންނާނީ މުޅިން ހުއްޓިފައެވެ. އެ ބައިތައް ތަރައްގީވެ ކުރިއަރާނެ ފުރުސަތެއް ނުލިބެއެވެ.
އަނެއްކޮޅުން ފޯނުގެ ސްކްރީނުން ބޭރުވާ ބްލޫ ރޭޑިއޭޝަންގެ ގެއްލުންތައް ވަރަށް ބޮޑެވެ. މި ރޭޑިއޭޝަނުން ގެއްލުން ވަނީ ހަމައެކަނި ލޮލަކަށް ނޫނެވެ. ސިކުނޑީގެ ސެލްތަކަށްވެސް ގެއްލުން ލިބެއެވެ. ބްލޫ ލައިޓްގެ ނޭދެވޭ އަސަރުތަކުން ހަނދާން ބެހެއްޓުމުގެ ކުޅަދާނަކަން ދަށްކޮށްލައެވެ. އަދި ޝޯޓް-ޓާމް މެމޮރީއަށް ހުރަސްއަޅައި ވަކި އެކްޓިވިޓީއަކަށް ފޯކަސްކޮށްގެން އިންނަން ކުދިންނަށް ދަތިވެއެވެ.
މިސާލަކަށް ބޮޑު މީހަކުވެސް ރޭގަނޑު މާ ލަސް ގަޑިއެއްގައި ފޯނުގެ ބޭނުން މާ ގިނައިރު ކުރާނަމަ ސިކުނޑިއަށް ރޭގަނޑާއި ދުވާލު އޮޅުވާލާނެއެވެ. އެއީ ދުވާލުގެ ވަގުތުކަމަށް ބުނެ ސިކުނޑިން ދޮގު މައުލޫމާތު ހަށިގަނޑަށް ފޯރުކޮށްދޭނެއެވެ. މިގޮތަށް ސިކުނޑިން މެސެޖު ފޮނުވުމާއެކު ރޭގަނޑު ނިދާ ގަޑީގައި ހަށިގަނޑުން ބޭރުވާ މެލަޓޮނިން ކިޔާ ސްލީޕް ހޯމޯނެއްގެ އުފެއްދުން ހުއްޓޭނެއެވެ. އަހަރެމެންގެ ހަށިގަނޑު ނިދަން ތައްޔާރުކުރަނީ މެލަޓޮނިން އުފެދެން ފެށުމުންނެވެ. މެލަޓޮނިން އުފެއްދުން ހުއްޓޭ ހިސާބުން ހަށިގަނޑަށް ވަރުބަލިކަން އިހުސާސްވެ ނިދަން އުނދަގޫވާނެއެވެ. އޭގެ އަނެއް ދުވަހު ދެން އުޅެންޖެހޭނީ ނިދި ހަމަނުވުމުން ހަށިގަނޑަށް އެ ލިބޭ ކަންނެތްކަމާއި ވަރުބަލިކަމުގައެވެ.
ޑިޖިޓަލް އެމްނީޝިއާ އަކީވެސް ތުއްތުއިރު ފޯނު މާ ގިނައިން ބޭނުންކުރަން ދިނުމުން ކުދިންނަށް ދިމާވާ މައްސަލައެކެވެ. މިގޮތަށް ދިމާވުމުން އެމީހުންގެ ސިކުނޑީގައި ރައްކާކުރަން ބޭނުންވާ ގިނަ މައުލޫމާތުތަކެއް ގެންގުޅޭ ޑިވައިސްއާ ރައްކާކުރަން ހަވާލުކުރެއެވެ. ސިކުނޑީގެ ފިގަރަލް މެމޮރީ ނުވަތަ ޝޭޕްސްއާއި ފިގާޒް ދެނެގަންނަ ބަޔަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އިމޭޖްތައް އަޕްލޯޑްކުރުމާއި އެނޫންވެސް އެކްޓިވިޓީތަކުގައި ފޯނަށް ގެއްލިގެން އުޅޭއިރު އެ ޑީޖިޓަލް ޑިވައިސްގެ ކުރަން ޖެހޭ ހުރިހާ ކަމެއް ކުއްޖާ ހަނދާނުގައި ރެކޯޑް ކުރާނެއެވެ. ދުނިޔެވީ އެއްވެސް ކަމެއް ހަނދާނުގައި ބަހައްޓަން އުނދަގޫވަނީ މިހެންވެއެވެ.
މި ކަމަށް އޮތް ހައްލުތައް
މިކަމަށް އޮތް ހައްލަކީ މައިންބަފައިން އެ މީހުންގެ ދަރިންނަށް މޮބައިލް ފޯނު ނުވަތަ ޑިޖިޓަލް ޑިވައިސްތައް ކުޅެން ދޭން ޖެހޭނީ ވީހާވެސް މަދުކޮށެވެ. ވަރަށް އެކުވެރި މާހައުލެއްގައި އެ ކުދިންގެ ޅަ ސިކުނޑިއަށް ވިސްނޭފަދަ ގޮތަކަށް ވާހަކަ ދައްކައިގެން ފޯނުގެ ގެއްލުން ކުދިންނަށް ވިސްނައިދޭން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.
އޮންލައިން ކްލާސްތަކާއި، އެ ކްލާސްތަކުގައި ދޭ ފިލާވަޅުތައް ހަދަން ނޫން ގޮތަކަށް ޑިޖިޓަލް ޑިވައިސްތަކާ ވީވަރަކުން ކުދިން ދުރުހެލިކޮށް އެ ކުދިންނަށް ގޭގައި ފޫހިފިލުވަން ކުރެވިދާނެ އެހެން ކަންކަން ހަވާލު ކުރާށެވެ. އަދި ގޭތެރޭގައި މަސައްކަތްތަކުގައި އެ ކުދިން ބައިވެރިކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
ފޯނު ބޭނުންކުރާ މަދު ވަގުތުގައިވެސް އެންޓި-ފެޓީގް އައިނު އަޅުވަން ހިތްވަރުދޭށެވެ. ފޯނުގެ ނޫ އަލިން އެ ކުދިންގެ ލޮލަށް ލިބޭ ގެއްލުން ކުޑަ ކުރުމަށެވެ. އަދި ފޯނުން ވާހަކަ ދައްކާއިރު ފޯނު ކަންފަތުގައި ޖެހުމުގެ ބަދަލުގައި ސްޕީކަރަށް ލައިގެން ވާހަކަ ދައްކަން ހިތްވަރުދޭށެވެ. ނިދާ ގަޑި ކައިރިވާ ވަރަކަށް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި އެއްގޮތަކަށްވެސް ބޭނުން ކުރިޔަ ނުދޭށެވެ.





