އައިޝްވަރިޔާ ރާއި ބަޗަން ވަނީ އޭނާގެ ނަމާއި، ފޮޓޯތަކާއި، އަދި އަމިއްލަވަންތަކަން އެކި ޕްލެޓްފޯމްތަކުގައި ހުއްދަނެތި ބޭނުންކުރަމުންދާތީ އެކަމާ އިއުތިރާޒުކޮށް، އޭނާގެ ޝަޚްސިއްޔަތާއި އަމިއްލަވަންތަކަމުގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އެދި ދިއްލީ ހައިކޯޓަށް ހުށަހަޅާފައެވެ.
އޭނާގެ ވަކީލު، ސީނިއަރ އެޑްވޮކޭޓް ސަންދީޕް ސެތީ، ވަނީ ދޮގު ވެބްސައިޓްތަކާއި، މަރޗެންޑައިޒްތަކާއި، އަދި އައިޝްވަރިޔާ ނޭޝަން ވެލްތް ކިޔާ މަކަރުވެރި ކުންފުންޏެއްގެ ޒަރީއާއިން ވިޔަފާރީގެ ގޮތުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކޮށްފައެވެ. މި ކުންފުނިން ވަނީ އައިޝްވަރިޔާ އަކީ އެ ކުންފުނީގެ ޗެއަރޕަރސަން ކަމަށް ދޮގު މައުލޫމާތު ދީފައެވެ.
މީގެއިތުރުން އޭނާގެ ވަކީލު ވަނީ އައިޝްވަރިޔާގެ އަބުރާ ޚިލާފު، އަދި އޭ.އައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯތައް ދައުރުވަމުންދާކަމާމެދު ކަންބޮޑުވުން ފާޅުކޮށް، މިއީ އޭނާގެ ޢިއްޒަތަށް ކުރެވޭ ބޮޑު އަނިޔާއެއް ކަމުގައި ބުނެފައެވެ.
ޖަސްޓިސް ތޭޖާސް ކަރިޔާ ވަނީ މި ތުހުމަތުތަކުގެ ސީރިއަސްކަން ގަބޫލުކޮށް، އަމުރެއް ނެރުމުގެ އިޙްތިމާލު އޮތްކަން ފާހަގަކުރައްވާފައެވެ. ގޫގުލް ތަމްސީލުކުރާ ވަކީލު މަމްތާ ރާނީ ވަނީ ކޮންޓެންޓް ނައްތާލުމަށް ވަކި ޔޫ.އާރް.އެލްތަކެއް ބޭނުންވާނެ ކަމަށް ބުނެފައެވެ. މި މައްސަލަ އަލުން ބަލާނީ 15 ޖަނަވަރީ 2026 ގައެވެ.





