ދުނިޔޭގައި އުޅޭއިރު މުއްސަނދިވާން ކޮންމެ މީހަކުވެސް އެދޭނެއެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގައި އެމީހެއްގެ ނަން އޮންނަން ބޭނުންވާނެއެވެ. ނަމަވެސް، ދުނިޔެ މިހާތަނަށް ދުށް އެންމެ މުއްސަނދި މީހަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އެއީ މި ޒަމާނުގެ އެންމެ ބޮޑެތި މަހުޖަނުން ކަމަށްވާ އީލޯން މަސްކް ނުވަތަ ޖެފް ބެޒޯސް ފަދަ މީހެއް ނޫނެވެ. ދުނިޔެ މިހާތަނަށް ދުށް އެންމެ މުއްސަނދި ބޭފުޅާގެ ކައިރީގައި މި މީހުން އެއްވެސް އެއްޗަކަށް ނުވާނެއެވެ.
ދުނިޔޭގައި މިހާތަނަށް އުޅުނު އެންމެ މުއްސަނދި ބޭފުޅެއް ކަމަށް ބެލެވިފައިވަނީ އެފްރިކާގެ ރަސްކަލެއް ކަމަށްވާ މަންސާ މޫސާއެވެ. މޫސާ ވަރުގެ މުއްސަންޖެއް މިހާތަނަށް ދުނިޔޭގައި އުޅުއްވައިފައެއް ނެތެވެ. އަދި އުފެދިދާނެ ކަމަކަށްވެސް ގަބޫލެއް ނުކުރެވެއެވެ.
މަންސާ މޫސާ އަކީ ކާކު؟
މަންސާ މޫސާ އުފަންވެވަޑައިގެންފައިވަނީ 1280 ވަނަ އަހަރުއެވެ. އޭނާއަކީ ވެސްޓަން އެފްރިކަން ސަހާރާގައި އޮތް އެންމެ ބޮޑު ގަބީލާގައި ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެ ރީޖަންގެ މީހުން އެ ދުވަސްވަރު ވާހަކަ ދައްކާ އުޅުނު ބަހުރުވައިން ’މަންސާ’ގެ މާނައަކީ ”ސުލްތާން“ އެވެ. މޫސާއަށް ކިންގްޑަމް އޮފް މާލީގެ ރަސްކަން ލިބިވަޑައިގަތީ 1312 ވަނަ އަހަރުއެވެ. އޭނާ 25 އަހަރު ރަސްކަން ކުރެއްވިއެވެ. މިހާރު ވަކިވެފައިވާ ގައުމުތަކުގެ ތެރެއިން ސެނެގާލް، މާލީ، ބުރުކީނަ ފާސޯ، ނައިޖަރު، ގިނީ އަދި އައިވަރީކޯސްޓަކީ އެ ޒަމާނުގައި ކިންގްޑަމް އޮފް މާލީގެ ބައެކެވެ.
މުއްސަނދިކަމުގެ ހައިރާންކަން
ސާދަވަނަ ގަރުނުގައި ވެސްޓް އެފްރިކާގެ މާލީ އެމްޕަޔަރގެ ރަސްގެފާނުކަމުގެ ތަޚުތުގައި މޫސާ ވެޑުވުނީ 1312 ވަނަ އަހަރުއެވެ. މޫސާއަށް ރަސްކަން ލިބިވަޑައިގަތްއިރުވެސް އެ ސަރަހައްދު ވަރަށް މުއްސަނދިވެފައިވަނީ ރަނާއި އެ ނޫންވެސް ގުދުރަތީ ރިސޯސްތައް ގިނަ ކަމުންނެވެ. ރަސްގެފާނު ވަޑައިގެން މި ގުދުރަތީ ވަސީލަތްތައް އެހެން ސަރަހައްދުތަކަށް ފުޅާކުރައްވައި، އިތުރަށް އެ ހިސާބު މުއްސަނދި ތަނަކަށް ހެއްދެވިއެވެ. ތާރީޚު ދިރާސާކުރާ މީހުން ބުނާ ގޮތުގައި މޫސާގެ މުއްސަނދިކަން މި ޒަމާނުގެ 400 ބިލިއަން ޑޮލަރުވަރު ވާނެއެވެ. އެހެންކަމުން އޭނާގެ މާލިއްޔަތުގައި ހުރި އަދަދު މަދު ބިލިއަނުން ގުނައެއް ނުލެވޭނެ އަދަދެކެވެ.
މަޝްހޫރު ހައްޖު ދަތުރުފުޅު
މަންސާ މޫސާ މަޝްހޫރީ ހަމައެކަނި ރަސްކަލަކަށް ވީމައާއި މުއްސަންޖަކަށް ވެގެންނެއް ނޫނެވެ. އޭނާގެ ހައްޖު ދަތުރުތަކަކީ ވެސް ވަރަށް މަޝްހޫރު ވާހަކަތަކެކެވެ. މީލާދީން 1324 ގައި މޫސާ މާތްވެގެންވާ މައްކާއަށް ހައްޖަށް ވަޑައިގަތެވެ. އޭނާގެ އެ ދަތުރުގައި 8،000 ބައިވެރިން ގެންދެވި އެވެ. އަދި ނޯކަރުންގެ ގޮތުގައި 12،000 މީހުން ގެންދެވި އެވެ. މީގެ އިތުރުން 100 ޖަމަލު ބަރުކޮށް ޚާލިސް ރަން ގެންދެވި އެވެ. މި ހައްޖު ދަތުރުފުޅު ކުރެއްވުމަށްފަހު މާލީން ފެށިގެން މައްކާއާ ދެމެދުގެ ސަރަހައްދު ”ރަނުގެ ރާސްތާ“ އަކަށް ހައްދަވައި، އެ މަނިކުފާނުގެ ގައުމު ދުނިޔޭގެ ޗާޓުގައި ފާހަގަކޮށްލެވޭ ގައުމަކަށް ހެއްދެވިއެވެ. މަޝްހޫރު ދަތުރުވެރިޔާ އިބުނު ބަތޫތާ ވެސް 1352 ވަނަ އަހަރު މާލީއަށް ދަތުރު ކުރައްވާފައިވާއިރު، އޭނާގެ ތާރީޚީ ފޮތްތަކުގައި މޫސާ ރަސްގެފާނުގެ މަޝްހޫރު ހައްޖުދަތުރުގެ ވާހަކަތައް ލިޔުއްވާފައިވެއެވެ.
ދީލަތިކަމާއި ތަޤްވާވެރިކަން
މޫސާ ރަސްގެފާނަކީ ދީލަތި އެހާމެ ތަޤްވާވެރި ބޭފުޅެކެވެ. މައްކާއަށް ކުރެއްވި ދަތުރުފުޅުގައި ކޮންމެ ހުކުރު ދުވަހު މަޑުކުރެއްވި ކޮންމެ ހިސާބެއްގައި މިސްކިތެއް ބިނާކުރެއްވި ކަމަށް ވެއެވެ. އަދި އެ ހިސާބެއްގެ މީހުންނަށް ގިނަ އަދަދެއްގެ ރަން ހަދިޔާ ކުރައްވައި މުޅި އެ ސަރަހައްދަށް މުއްސަނދިކަން ފަތުރާލެއްވިއެވެ. ”ކިންގް އޮފް ކިންގްސް“ — ރަސްރަސްކަލުންގެ ރަސްގެފާނު — ގެ ނަމުން މަޝްހޫރުވެފައިވާ މޫސާ ރަސްގެފާނުގެ ދީލަތިކަމުން ގޮސް މިސްރުގެ މީހުން ބަނޑަށް ޖެހުނެވެ. އެ ހިސާބުގެ މީހުންނަށް ރަން ބެއްސެވިލެއް ގިނަކަމުން ގޮސް ރަނުގެ އަގު ވެއްޓި މިސްރުގެ އިގުތިސާދު އިނދަޖެހިގެންނެވެ.
މޫސާ ރަސްގެފާނު އޭނާގެ މުއްސަނދިކަމުގެ ބޭނުން ހެޔޮ ގޮތުގައި ކުރެއްވިއެވެ. މަގުމަތިން ދިމާވާހާ މީހަކަށް ރަން ހަދިޔާ ކުރެއްވުމުގެ އިތުރުން، އޭނާ ވެރިކަން ކުރެއްވި ކޮންމެ އަހަރެއްގެ ތެރޭގައި އައި ކޮންމެ ހުކުރު ދުވަހުވެސް މިސްކިތެއް ބިނާކުރެއްވިއެވެ. އަދި ވަރަށް ގިނަ ޔުނިވަސިޓީތައް އޭނާގެ ރަސްކަމުގައި އަޅުއްވައިދެއްވިއެވެ. އެގޮތުން މޫސާ އަޅުއްވައިދެއްވި ތާރީޚީ ގިނަ އަދަދެއްގެ މިސްކިތްތަކާއި ސްކޫލްތައް މިހާރުވެސް އެބަހުރި ކަމަށް ވެއެވެ.
މޫސާ ރަސްގެފާނު ދުނިޔެ ދޫކުރެއްވީ 1332 އާއި 1337 އާ ދެ އަހަރުން ކުރެ ކޮންމެވެސް އެއް އަހަރެއްގައެވެ. އޭގެ ފަހުން އެތައް ގަރުނެއް ފާއިތުވީއިރުވެސް މޫސާ ރަސްގެފާނުގެ ދީލަތިކަމާއި ހެޔޮކަމުގެ ވާހަކަ އެ ސަރަހައްދުގެ މީހުންގެ ހިތްތަކުން ފޮހެވިގެން ނުދެއެވެ.





