ށ.މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 75 އިންސައްތައިގެ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީއިން ބުނީ މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، އެގޮތުން މުޅި މަޝްރޫއުގެ 75 އިންސައްތައިގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުއަށް ބޭނުންވާ ހިލަތަކުގެ ތިންވަނަ ޝިޕްމަންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 1508.90 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުއަކީ 59.71 މިލިޔަން ރުފިޔާގެ މަޝްރޫއުއެކެވެ.




