ހެނދުނު ހެނދުނާ ހޭލަން ޝައުގުވެރިކަމެއް ނެތްނަމަ، އެ ވިސްނުން ބަދަލުކޮށްލުމާ މެދު ފުންކޮށް ވިސްނާލުން މުހިންމެވެ. ސަބަބަކީ، ހެނދުނު ހެނދުނާ ފޯރުކޮށްދޭ އިރުގެ އަތްވަކީ ހަށިގަނޑަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އައްޔަކަށް ވާތީއެވެ. ދުވާލުގެ ވަގުތުތަކުގެ ތެރެއިން ހެނދުނުގެ އަވި، ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، މިކަމަށް ގިނަ ބަޔަކު މިހާރު ދަނީ ސަމާލުކަން ދެމުންނެވެ.
ގިނަ ބަޔަކީ ހެނދުނުގެ އުފާވެރިކަން ލިބިގަތުމަށްޓަކައި، ކަސްރަތު ކުރުމަށާއި ފަތިހުގެ ފިނި ވައިރޯޅިތަކުން އުފާ ލިބިގަތުމަށް ނުހަނު ލޯބިކުރާ ބައެކެވެ. ފަތިހު ފަތިހާ ގެއިން ނިކުންނަ މީހުން ވެސް ހެނދުނުގެ ތާޒާ އަވިން ހަށިގަނޑު ތާޒާކޮށްލުމަށްޓަކައި، އަވީގައި ޖެހިލުމަށް ހަރަކާތްތެރިވާ މަންޒަރަކީ ވެސް އާންމުކޮށް ފެންނަ މަންޒަރެކެވެ.
އިރުގެ އަލިން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ގުދުރަތީ ގޮތުން ވިޓަމިން-ޑީ ލިބުމަށް އެހީތެރިވެދޭ ވާހަކައަކީ ވަރަށް ގިނަ ބަޔަކު ތަކުރާރުކޮށް އަޑުއަހާ ވާހަކައެކެވެ. ’ދަ ސަންޝައިން ވިޓަމިން ޑީ‘ ގެ ނަމުން ނަން ދެވިފައިވާ މި ވިޓަމިން ހަށިގަނޑަށް ހޯދުމަށް އަވީގައި ހޭދަކޮށްލަން ޖެހެނީ އެންމެ ބައިގަޑިއެއްހާއިރެވެ. ނަމަވެސް، ހަމުގެ ކުލަ އަނދިރި މީހުން މިއަށްވުރެ ގިނަ ވަގުތު އަވީގައި ހޭދަކޮށްލަން ޖެހޭ ކަމަށް ބައެއް ސިއްހީ މާހިރުން ލަފާ ދެއްވައެވެ. މިއީ ސިއްހަތަށް ހުރި ނުރައްކަލަކާ ނުލައި ވިޓަމިން-ޑީ ހޯދުމަށް އޮތް އެންމެ ފަސޭހަ އަދި ގުދުރަތީ ގޮތެވެ.
ހެނދުނު ހެނދުނާ ހަށިގަނޑަށް ލިބޭ ހޫނުކަމާއެކު، ތިމާގެ ހަށިގަނޑު ހޭލައްވާލުމަށް އެހީތެރިވެދީ މުޅި ދުވަހު ހަށިގަނޑު ތާޒާކަން މަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހަމައެއާ އެކު، ރޭގަނޑުގެ ނިންޖަށް ހަށިގަނޑު ތައްޔާރުކޮށްލަ ދިނުމަށް ވެސް ހެނދުނު ހަށިގަނޑަށް ލިބުނު އަލި އެހީތެރިވެދެއެވެ.
މީގެ އިތުރުން، ހޭލެވޭއިރު ތިމާގެ މޫޑު ގޯސްވެފައިވާނަމަ، އެކަމަށް ހައްލެއް ހޯދައިދީ ސިކުނޑިއަށް އިހުސާސްކުރުވާ ކަންބޮޑުވުންތަކުން ދުރުކޮށްދިނުމަށް ވެސް އިރުގެ އަލި އެހީތެރިވެދެއެވެ. އިރުގެ އަލީގައި ޖެހުމުން، ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ އެކްޒިމާއަށް ގުދުރަތީ ގޮތުން ފަރުވާ ލިބުމަށް އެހީއަކަށް ވެއެވެ. މިކަންކަމުން ހާމަވަނީ، ހެނދުނުގެ އަވި ހަށިގަނޑުގެ ސިއްހަތަށާއި ނަފްސާނީ ހަމަޖެހުމަށް ވެސް ފައިދާ ކުރާކަމެވެ.
އިރުގެ އަލި ހަށިގަނޑަށް ހޯދައިދިނުމަށް ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި، ހަރަކާތްތެރިވެ އުޅޭއިރު އިރުގެ އަލި ގޭތެރެއަށް ލިބޭނެ ފަދަ ގޮތަކަށް ގޭގެ މާހައުލު ބަދަލުކޮށްލެވިދާނެއެވެ. އަދި، ގޭތެރޭގައި ކަސްރަތު ކުރާނަމަ، އިރުގެ އަލި ލިބޭ ސަރަހައްދެއްގައި ކަސްރަތު ކުރުމަށް އިސްކަން ދެވިދާނެއެވެ. އެހެންކަމުން، ހެނދުނުގެ އަވީގެ ފައިދާތައް ލިބިގަތުމަށްޓަކައި، އަމިއްލަ ދިރިއުޅުމުގެ އާދަތަކަށް ކުދިކުދި ބަދަލުތައް ގެނައުމަކީ ވަރަށް ބޮޑަށް ބާރުއަޅަންޖެހޭ ކަމެކެވެ.





