ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމާއި، ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު ”ނިއުޔޯކް ޑެކްލެރޭޝަން“ ފާސްކުރުމަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ތަސްދީގު ކުރުމަށް ރާއްޖެއިން ތާއީދުކޮށްފައިވާ ކަމަށެވެ.
މި ގަރާރު ބަލައިގެންފައިވަނީ މިއަދު ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމުގެ ތާއީދާއެކުގައި ކަމަށްވާއިރު، 10 ގައުމަކުން ވަނީ ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ.
ވަކި ކޮޅަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ނިންމީ 12 ގައުމަކުންނެވެ.
މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ސަޢޫދީ ޢަރަބިއްޔާއާއި، ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
މި ޑެކްލަރޭޝަންގައި ވަނީ ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ފަލަސްތީނުގައި މިނިވަން، އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ގޮވައިލައިފައިވެއެވެ.
މި ޑެކްލަރޭޝަނަކީ އޭގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުމުން ކަމަށެވެ. އަދި އެއީ މިނިވަން، މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާއި އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުން ކަމަށް ރާއްޖެއިން ތާއިދުކުރާ ކަމަށެވެ.





