އަނގަފާރު އެޅުމަކީ ވަރަށް ވޭން ހުރި ކަމެކެވެ. އަނގައިގައި ކުޑަކުޑަ ފާރުކޮޅެއް ނަމަވެސް، އެ ފާރުކޮޅާ ހެދި އެއްޗެތި ކައިބޮއި ހަދަން ވެސް ދަތިވާވަރު ވެއެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގައި އާދަޔާޚިލާފު އުނދަގޫތަކެއް ކުރިމަތިވެއެވެ.
އާންމުކޮށް އަނގަފާރު އެންމެ ގިނައިން އުފެދެނީ ތުންފަތުގެ އެތެރޭ ފަރާތުގެ ތިރީ ބައިގައެވެ. ނުވަތަ ހިރުގަނޑާއި ކޮލާއި ކަރުތެރޭގައެވެ. މިކަމުގެ އުނދަގޫ އެންމެ ބޮޑަށް ކުރިމަތިވަނީ އަންހެނުންނާއި، ފުރާވަރުގެ ކުދިންނަށް އަދި ބައްޔެއްގެ ސަބަބުން ފަސޭހައިން އަނގަފާރު އަޅާ މީހުންނަށެވެ.
ނަމަވެސް، އަނގަފާރަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބައެއް ހޯމް ރިމެޑީޒްތައް ވަނީ ހުރިހާ ބައެއްގެ މެދުގައި މަގުބޫލުވެފައެވެ. އެފަދަ ބައެއް ފަރުވާތައް ތިރީގައި މިވަނީއެވެ.
އެޕަލް ސިޑާ ވިނެގާ:
އަނގަފާރަށް އެންމެ ރަނގަޅު އެކައްޗަކީ އެޕަލް ސިޑާ ވިނެގާ އެވެ. ވިނެގާގައި ހުންނަ އެސިޑުން އަނގައިގައި ހުންނަ އަނގަފާރު އަޅަން މެދުވެރިވާ ބެކްޓީރިއާތައް މަރާލަ އެވެ. ބައި ޖޯޑު ހޫނުފެނަށް އެއް މޭޒުމަތީ ސަމުސާ އެޕަލް ސިޑާ ވިނެގާ އަޅާފައި ކަރާއި އަނގަ މި ފެނުން ދޮވެލާށެވެ. ދުވާލަކު ދެ ފަހަރަކު މި ފަރުވާ ދިނުމުން ވަރަށް އަވަހަށް އަނގަފާރު ފަސޭހަވެއެވެ.
ކަރަންފޫ:
ކަރަންފުލަކީ ވެސް ބެކްޓީރިއާ މަރާ އެއްޗެކެވެ. އަދި ބަނޑުގައި ފާރު ހެދުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. އަތް ފޯރާ ހިސާބުގައި ކަރަންފޫކޮޅެއް ބަހައްޓާފައި ދޭތެރެއަކުން ކަރަންފުލެއް ކާލުމަކީ އަނގަފާރަށް ވަރަށް ފައިދާހުރި ކަމެކެވެ.
މާމުއި:
މާމުޔަކީ ވެސް އެންޓި-ބެކްޓީރިއަލް ޕްރޮޕަޓީޒް ހިމެނޭ އެއްޗެކެވެ. އަނގައިގައި ފާރުކޮޅެއް ޖަހައިފިނަމަ ކަފަބުރަކުން ފާރުކޮޅުގައި މާމުއިކޮޅެއް ޖަހާލާށެވެ. މި ފަރުވާގެ ސަބަބުން ވަރަށް އަވަހަށް ފަސޭހަވާނެއެވެ.
އަލޫ ވެރާ:
އަލޫ ވެރާ އަކީ ވެސް އަނގަފާރަށް ރަނގަޅު އެއްޗެކެވެ. އަދި މިއީ ހަމަށް ވެސް ވަރަށް ރަނގަޅު ބާވަތެކެވެ. އަނގަފާރު އަޅައިގެން އުޅޭނަމަ އަލޫވެރާ ފަތަކުން ޖެލްކޮޅެއް ނަގައިގެން ފާރުކޮޅުގައި ޖަހާށެވެ. އަލޫވެރާ އަކީ އެންޓިސެޕްޓިކް އަކަށް ވާތީ ވަރަށް އަވަހަށް ރާހަތް ލިބޭނެއެވެ.
ރީނދޫ:
އަނގަފާރަށް ރީނދުލަކީ ވެސް ވަރަށް ބަރާބަރު އެއްޗެކެވެ. މިއީ ފާރުކޮޅު ފަސޭހަކޮށްލަން އެންމެ އެކަށީގެންވާ އެއް ބާވަތެވެ. ކުޑަ ފެންފޮދަކާއި މުގުރާފައިހުރި ރީނދޫކޮޅެއް އެއްކޮށްލައި ޕޭސްޓަށް ހެދުމަށްފަހު ފާރުކޮޅުގައި ޖަހާށެވެ. އަދި އިރުކޮޅެއް ވަންދެން ބަހައްޓާފައި އަނގަ ދޮވެލާށެވެ.
ގިތެޔޮ:
ގިތެލަކީ ވެސް އަނގަފާރަށް ވަރަށް މޮޅު އެއްޗެކެވެ. އިނގިލިކުރީގައި ގިތެޔޮކޮޅެއް ހާކައިލައިފައި އަނގައިގައި އިން ފާރުކޮޅުގައި ހާކައިލާށެވެ. އިރުކޮޅަކު ބަހައްޓާލައިފައި ރީތި ފެނުން އަނގަ ދޮވެލާށެވެ.
މި ފަރުވާތަކަކީ އަނގަފާރުގެ ވޭނަށް ލުއިދީ، އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭނެ ފަސޭހަ އަދި ގޭތެރޭގައި ތައްޔާރުކުރެވޭ ފަރުވާތަކެކެވެ. ނަމަވެސް، ފާރު ފަސޭނުހަވެ ނުވަތަ އިތުރަށް ގޯސްވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.





