ޔަހޫދީން އަނެއްކާވެސް ޔަމަނުގެ އަލް-ޙުދައިދާ ބަނދަރު ސަރަޙައްދަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ޔަމަނުގެ ޙޫޘީންނަށެވެ.
މި ޙަމަލާތައް ދީފައިވަނީ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. ޔަހޫދީން އަލް-ޙުދައިދާ ބަނދަރަށް 12 ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތައް އަމާޒުކޮށްފައިވަނީ މީގެ ކުރިން ޔަހޫދީން ދިން ވައިގެ ޙަމަލާތަކެއްގައި ގެއްލުން ލިބި، ނަމަވެސް މިހާރު އަލުން މަރާމާތުކޮށްފައިވާ ތިން ސަރަޙައްދަކަށެވެ. ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވިދާޅުވީ ޔަމަނުގެ ވައިގެ ދިފާޢުއިން ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ފައްސާލާފައިވާ ކަމަށެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ޔަމަނަށް ދިން ޙަމަލާތަކެއްގައި ޙޫޘީންގެ އިސްވެރިންތަކެއް ޝަހީދުކޮށްލާފައިވަނިކޮށް ދެވުނު މި ޙަމަލާތަކަކީ، ޣައްޒާގެ މުސްލިމުންނަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ޙޫޘީން ރަތްކަނޑުގައި ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުތަކަށް ދެމުންދާ ޙަމަލާތަކަށް ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ދެވުނު ޙަމަލާތަކެކެވެ.
ފަލަސްޠީނުގެ ޣައްޒާގައި މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، ޙޫޘީން ވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށާފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. މި ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ.
ޙޫޘީން ދެމުންގެންދާ މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި، ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވެއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެއެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.





