އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އިމްރާން ހާޝިމީ އާއި ޔާމީ ގޯތަމް އެކީގައި ކުޅުނު ފުރަތަމަ ފިލްމު ”ހަޤް“ މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ގައި އިންޑިއާގެ ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ޝޫޓިން ނިންމައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަރުހަލާގަ އެވެ. މިއީ ސުޕަން ވަރުމާ ޑައިރެކްޓްކޮށްފައިވާ ވަރަށް ބާރުގަދަ ފިލްމެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ސުޕަން ވަރުމާ އަކީ މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް 2023 ގެ ”ދަ ޓްރަޔަލް“ ގެ ޑައިރެކްޓަރުވެސް މެއެވެ. ”ދަ ޓްރަޔަލް“ ގެ ދެވަނަ ސީޒަން މި މަހުގެ 19 ގައި ދޫކޮށްލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އޭނަ ޑައިރެކްޓްކޮށްފައިވާ އެހެން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”އޭކް ކިލާޅީ އޭކް ހަސީނާ“ އާއި ”އެސިޑް ފެކްޓްރީ“ ފަދަ ފިލްމުތައް ހިމެނެ އެވެ.
ސުޕަން ވަރުމާގެ އާ ފިލްމު ”ހަޤް“ އަކީ ތިންފަށްވަރިއާ ގުޅޭ ގޮތުން އިންޑިއާގައި މީގެ 40 އަހަރު ކުރިން ކުރިއަށް ގެންދިޔަ މަޝްހޫރު ކޯޓް ކޭހަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ޔާމީ ގޯތަމް ކުޅެފައި ވަނީ ތިންފަށް ވަރީގެ މައްސަލައިގައި 1985 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލަ ވެެއްދި ޝާހް ބާނޯގެ ރޯލެވެ. އިމްރާން ހާޝިމީ ކުޅެނީ އޭނަގެ ފިރިމީހާ އަހުމަދު ޚާންގެ ރޯލެވެ.
”ހަޤް‘ އަކީ ޖަނގްލީ ޕިކްޗާސް އިން ގެނެސްދޭ ފިލްމެކެވެ. މީޑިއާތަކުން ބުނީ މި ފިލްމުގެ ޕޯސްޓަރާއި ޓީޒާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.





