ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސްލޮވީނިޔާއަށް އެތެރެނުވެވޭނެ ކަމަށް އެ ޤައުމުން ވަނީ ނިންމައިފައެވެ. މި ނިންމުން ނިންމާފައިވަނީ ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެންނެވެ.
ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމެއް ކަމަށްވާ ސްލޮވީނިޔާއިން ނަތަންޔާހޫއާ ދެކޮޅަށް މި ފަދަ ނިންމުމެއް ނިންމާފައި މި ވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ޔަހޫދީ ދައުލަތުގެ ދެ ވަޒީރަކަށް އެ ޤައުމަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށެވެ. މިއީ އިޒްރޭލުގެ ޢުދުވާނީ އަމަލުތަކަށް ސްލޮވީނިޔާއިން ދެމުންދާ ވަރުގަދަ ރައްދެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސްލޮވީނިޔާއިން ފަލަސްޠީނުގެ ހައްޤުގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ސްލޮވީނިޔާއިން ވަނީ ބަލައިގެންފައެވެ. މީގެ އިތުރުން ފާއިތުވި އޮގަސްޓު މަހުގެ ތެރޭގައި އެ ޤައުމުން ވަނީ ޔަހޫދީންނަށް ހަތިޔާރު ވިއްކުމާއި ފޯރުކޮށްދިނުން މަނާކޮށްފައެވެ. އަދި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ ތަކެތި އެ ޤައުމަށް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.
2023 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ސްލޮވީނިޔާއިން އަޅާ މިފަދަ ފިޔަވަޅުތަކަކީ މި ބޮޑުވަޒީރުގެ ޢަމަލުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ނުރުހުންތެރިކަން ހާމަވާ ކަމެކެވެ.





