ފިލިޕީންސްގެ މެދުތެރޭގެ އައްސޭރިފަށުގައި އޮންނަ ލޭޓޭއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފިއެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ އިދާރާތަކުން ވެސް ވަނީ އިއުލާންކޮށްފައެވެ.
އައިސްފައިވާ ބިންހެލުމުގެ މަރުކަޒު ހުރީ ގާތްގަނޑަކަށް 33،000 މީހުން ދިރިއުޅޭ ބޮހޯލް ޕްރޮވިންސްގެ މުނިސިޕަލްޓީއެއް ކަމަށްވާ ކަލާޕޭގެ އިރުމަތިން ގާތްގަނޑަކަށް 11 ކިލޯމީޓަރު ދުރުގައެވެ. މީގެ ކުރިން ބިންހެލުން އައީ ހަތް މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ފަހުން ވަނީ އެ މިންގަނޑު 6.9 މެގްނިޓިއުޑަށް ދަށްކޮފައެވެ.
ފިލިޕީންސްގެ ބިންހެލުންތައް ދިރާސާކުރާ އޮފީހުން ބުނެފައިވަނީ، ބިންހެލުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑަށް ކޮންމެވެސް ވަރަކަށް އުފުލުންތަކެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން، މެދުތެރޭގެ ޖަޒީރާތައް ކަމަށްވާ ލޭޓޭ، ސެބޫ އަދި ބިލިރާންގެ ރައްޔިތުން އައްސޭރިފަށަށް ނުދިއުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
ޕެސިފިކްގައި ސުނާމީގެ ނުރައްކަލެއް އޮތް ނަމަ އެކަން އަންގައިދޭ މަރުކަޒުން ވަނީ މި ބިންހެލުމުގެ ސަބަބުން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށާއި އިތުރަށް ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށް ބުނެފައެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވަނީ، މި ބިންހެލުން އައީ މާލެއާ 5621 ކިލޯމީޓަރުގެ ދުރުމިނަށް ކަމަށެވެ. އަދި މި ބިންހެލުމާ ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށާއި، ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އެ އިދާރާއިން ވަނީ ރައްޔިތުންނަށް ޔަޤީންކަން ދީފައެވެ.





