އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ބޮލީވުޑްގެ ކިންގް ޝާހްރުކް ޚާންގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 21.6 ބިލިއަން ދިވެހި ރުފިޔާއަށް) އަރައި، ދުނިޔޭގެ އެންމެ މުއްސަނދި ސެލެބްރިޓީގެ މަގާމު ހޯދައިފި އެވެ.
މި ހަބަރު އާންމުވެފައި މިވަނީ ”ހުރޫން އިންޑިއާ ރިޗް ލިސްޓް“ އާންމުކުރުމަށްފަހު އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އަގެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް، މިހާރު ހިމެނެނީ އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގަ އެވެ. މި އަހަރު އަލަށް ގައުމީ ފިލްމީ އެވޯޑެއް ވެސް ލިބުނު ޝާހްރުކް، ފިލްމުތަކުން ލިބޭ އާމްދަނީގެ އިތުރުން، އެކިއެކި ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ދީގެން ވެސް ބޮޑު އާމްދަނީއެއް ހޯދަ އެވެ.
އޭނާގެ މި ބޮޑު މިލްކިއްޔާތުގައި ހިމެނޭ ތަކެތީގެ ތެރޭގައި، މުމްބާއީގައި ހުންނަ ޝާހްރުކްގެ އަގުބޮޑު ގެ ”މަންނަތު“ އަކީ އިންޑިއާގެ އެންމެ އަގުބޮޑު ގެތަކުގެ ތެރެއިން އެއް ގެއެވެ. މީގެ އިތުރުން އިންޑިއާގެ ބައެއް އެހެން ސިޓީތަކާއި، އިނގިރޭސިވިލާތާއި ޔޫއޭއީ ފަދަ ގައުމުތަކުގައި ވެސް ޝާހްރުކްގެ ގެތައް ހުރެ އެވެ.
ޝާހްރުކް އަކީ ހަމައެކަނި ފިލްމީ ތަރިއެއް ނޫނެވެ. އޭނާ ވަނީ ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ގާއިމުކޮށްފަ އެވެ. އަދި އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ވާދަކުރާ ކްރިކެޓް ޓީމްތަކުގެ ތެރޭގައި ހިމެނޭ ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) ގެ އެއް ހިއްސާދާރު ވެސްމެ އެވެ.
އަންނަ މަހުގެ 60 އަހަރު ފުރޭ ތިން ކުދިންގެ ބައްޕަ ޝާހްރުކް މިހާރު އަންނަނީ ”ކިންގް“ ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ މި ބޮޑު ކާމިޔާބީއަކީ އިންޑިއާގެ ފިލްމީ އުފެއްދުންތެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވެސް ފާހަގަކުރެވެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި ސެލެބްރިޓީއަށް ޝާހްރުކް ވެފައިވާއިރު، އިންޑިއާގެ މިހާރުގެ އެންމެ މުއްސަނދި މީހަކީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ މުކޭޝް އަމްބާނީ އެވެ. އޭނާގެ މިލްކިއްޔާތު 105 ބިލިއަން ޑޮލަރަށް އަރަ އެވެ.





