ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު ”ތެރެ އިޝްގް މޭ“ ގެ އިންތިޒާރު ބޮޑުވެފައިވާ ޓީޒާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް ވަނީ އިއުލާންކޮށްފި އެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން އާނަންދު ހަދާފައިވާ މި އަސަރު ގަދަ ލޯބީގެ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ. ”ތެރެ އިޝްގް މޭ“ ގެ ތަރިންނަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ދެކުނުގެ މަޝްހޫރު ތަރި، ދަނޫޝް އާއި ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން އެވެ.
މިއީ ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި ”ތެރެ އިޝްގް މޭ“ އަކީ އާނަންދާ އެކު، ކްރިތީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ދަނޫޝް އަކީ އާނަންދުގެ 2021 ގެ ”އަތުރަންގީ ރޭ“ އާއި 2013 ގެ ”ރާންޖަނާ“ ގެ ބަތަލު ވެސް މެ އެވެ.
”ތަނޫ ވެޑްސް މަނޫ“ ގެ ދެ ފިލްމު ވެސް ގެނެސްދިން އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ އަކްޝޭ ކުމާރުގެ 2022 ގެ ”ރަކްޝާ ބަންދަން“ އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ”ތެރެ އިޝްގް މޭ“ ގެ މިއުޒިކް ހަދާފައި ވަނީ ދުނިޔޭގެ މަޝްހޫރު މިއުޒިކު ޑައިރެކްޓަރު އޭއާރް ރަހުމާނެވެ.





