ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ، ދުނިޔޭގެ ގިނަ ގައުމުތަކުގެ އެކްޓިވިސްޓުން ތިބި ގްލޯބަލް ސުމޫދު ފްލޯޓިލާގެ އުޅަނދުތައް ހުއްޓުވުމަށް، އިސްރާއީލް ސިފައިން އެ ބޯޓުތަކަށް އަރައިގަންނަން ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހަމަލާގައި، ފްލޯޓިލާގެ މުއާސަލާތީ ހިދުމަތަށް ބުރޫއަރުވައި، ބައެއް ބޯޓުތަކުގެ ލައިވް ކަވަރޭޖް ހުއްޓުވައިފައިވާ ކަމަށް ވެއެވެ.
45 ބޯޓު ހިމެނޭ މި ފްލޯޓިލާ ޣައްޒާއަށް ކުރަމުން އަންނަ ދަތުރަކީ، ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާލާފައިވާ އޮތް އޮތުން ނިމުމަކަށް ގެނައުމަށް، އިންސާނީ އެހީގެ ސާމާނާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ތަކެތި ޣައްޒާއަށް ފޯރުކޮށްދިނުމުގެ ބޮޑު މަސައްކަތެކެވެ. ދިގު ދަތުރަކަށްފަހު، މި ބޯޓުތަކަށް މާދަމާ މެންދުރުގެ ވަގުތެއްގައި ޣައްޒާއަށް ވަދެވޭނެ ކަމުގެ އުންމީދު ކުރެވިފައިވާއިރު، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން މި ދަތުރުގެ ކުރިމަގާމެދު ސުވާލު އުފެދިފައިވެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ހާމަކުރާ ގޮތުގައި، އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ފްލޯޓިލާގެ ބޯޓުތައް ވަށާލާފައެވެ. އަދި އެ ބޯޓުތައް ހުއްޓުވައި، ބައެއް ބޯޓުތަކުގައި ހަރުކުރެވިފައިވާ ކެމެރާތައް ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބޯޓުތަކުން ކުރިން ދިޔައީ ދަތުރުގެ މަންޒަރުތައް މީސްމީޑިއާގެ އެކި މަންސަތަކުގައި ލައިވްކޮށް ދައްކަމުންނެވެ. ނަމަވެސް އިސްރާއީލް ސިފައިންގެ އަމަލުތަކާއެކު، މިހާރު ބައެއް ބޯޓުތަކުގެ ލައިވް ކަވަރޭޖް ހުއްޓުވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި، މި ބޯޓުތައް ހުއްޓުވުމަށް އިސްރާއީލުގެ 20 ވަރަކަށް ބޯޓު އެސަރަހައްދުގައި ހަރަކާތްތެރިވެއެވެ. ނަމަވެސް އެއީ މުޅިންވެސް އިސްރާއީލުގެ ކަނޑުގެ ސިފައިންނާއި އިސްރާއީލް އަސްކަރިއްޔާގެ ބޯޓުތައް ކަމެއް އަދި ސާފެއް ނުވެއެވެ.
ގްލޯބަލް ސުމޫދު ފްލޯޓިލާއިން ބުނި ގޮތުގައި، އެމީހުންގެ ރާޑަރަށް 3 ނޮޓިކަލް މޭލު ދުރުން، ގޮތް ނޭނގޭ 20 ބޯޓެއް ފެނިފައިވެއެވެ. އެއީ އެމީހުން ހުއްޓުވުމަށް މަސައްކަތް ކުރާ ބޯޓުތަކެއް ކަމަށް ލަފާކުރެވޭ ކަމަށް ފްލޯޓިލާއިން ބުނެފައިވާއިރު، ނަމަވެސް މި އަމަލުތަކުގެ ސަބަބުން އެމީހުންގެ ދަތުރު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ފްލޯޓިލާއިން ވަނީ ބުނެފައެވެ.





