ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިއަދު އިފްތިތާހުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ’ނެޝަނަލް ސިއުސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ‘ އިފްތިތާހްކޮށްދެއްވީ ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހްމަދު އަޝްރަފެވެ.
ކުރިއަށް އޮތް 5 އަހަރަށް އެކުލަވައިލި މި ޕްލޭނަކީ، ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރުމަށް އިސްކަންދޭ ކަންކަމާއި މިކަމަށް ހުރި ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ސްޓްރެޓެޖީއެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިކަމުގެ މައިގަނޑު މަގުސަދަކީ އާންމު ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނަ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުން ކަމަށެވެ.
ސްޓްރެޓެޖީގެ ދަށުން ކުރާނެ ކަންކަން:
-ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ހުއްޓުވުމުގެ ސިޔާސަތުތައް ބައްޓަންކުރުން
-އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުން
-ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުން
-ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަނެ، ވަގުތުން އެހީ ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން
-ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުން
-ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން
އޭގެ އިތުރަށް، މުޖުތަމައގެ ވިލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާއީ ކަންކަމުގައި މުޖުތަމައު ބައިވެރިކޮށް، ނާޒުކު ފަރާތްތަކަށް އަވަހަށް ނަފްސާނީ އެހީ ދިނުމާއި ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ.
މިނިސްޓްރީން ބުނީ އެކަށީގެންވާ ތަޢުލީމީ ފެންވަރު ނެތުމާއި ފައިސާގެ ދަތިކަމާާއި ގެވެށި އަނިޔާ ފަދަ މައްސަލަތަކާއި މަސްތުވާތަކެތި ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.
ރާއްޖޭގައި ނަފްސާނީ ބަލީގައި އަމިއްލައަށް މަރުވާ ހާދިސާތައް އިތުރުވަމުން އަންނަ އިރު މިއީ ޤައުމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ނާޒުކު މައްސަލައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.





