އޭޝިއަން ކަޕް ކޮލިފައިންގައި ތަޖަކިސްތާނާއި ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ކާމީޔާބީއަކަށް އެދިވަޑައިގަންނަވައި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން އަދި އޮފިޝަލުންނާއި ބައްދަލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިތްވަރު ދެއްވާފައެވެ. ސަރުކާރުން ފުޓްބޯޅައަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވައި، ކުޅުންތެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޤައުމީ ޓީމާއި ބައްދަލުކުރައްވާފައިވަނީ މިއަދު ސިޓްރޯން ރެސްޓޯރެންޓުގައެވެ. މި ބައްދަލުކުރެއްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއާއި، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު އަދި ޤައުމީ ޓީމުގެ މެނޭޖަރ އަޙްމަދު އައްބާސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ތަޖަކިސްތާނާއި ދެކޮޅަށް ކުޅޭ މެޗަށް ވާންޖެހޭ ތައްޔާރީތައްވުމުގައި ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ކަންކަންވެސް ވީ އެންމެ ރަނގަޅަކަށް ހަމަޖައްސައިދެވޭތޯ ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ކުޅުންތެރިންނަށް ރައީސް ދެއްވިއެވެ. މީގެ އިތުރުން ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތް ލިބޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ފުޓްބޯޅައަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކުޅިވަރެއް ކަމަށެވެ. އަދި ޤައުމީ ފުޓްބޯޅަ ދަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ދަނޑެއް އެޅެންދެން ގަލޮޅު ދަނޑުގައިވެސް ވީ އެންމެ ރަނގަޅަކަށް ކަންކަން ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަމަށެވެ. ކުޅުންތެރިންގެ ކުރިއެރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް ކުޅުންތެރިންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި ދެ އަހަރު ދިޔައީ އެކަށީގެންވާ ވަރަށް ފުޓްބޯޅަ ކުޅޭނެ ފުރުސަތު ނުލިބި ކަމަށާއި، އެހެންނަމަވެސް ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން ކޮށްދޭންޖެހޭ އެންމެހާ ކަންކަން ކުރިޔަށް އޮތްތަނުގައި ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ހުރިހާ ކުޅުންތެރިންނަށްވެސް ދެއްވާ ކަމަށެވެ. އަދި ކުޅިވަރު ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއެކު ކުޅިވަރުގެ ގިނަ ވަސީލަތްތައް ޤާއިމުކުރައްވަމުން އަންނަކަން ފާހަގަކުރައްވާ، ރަށްރަށުގައިވެސް ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫއުތައް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދާދިފަހުން ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަރ ކަޕް ރާއްޖެއިން ކާމިޔާބުކޮށް ޓްރޮފީ ހޯދާފައިވާތީ ޤައުމީ ޓީމަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ. މިއީ ހަތް އަހަރަށްފަހު ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ހޯދުނު ފުރަތަމަ ތައްޓެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދެން ރާއްޖޭގެ ޤައުމީ ޓީމު އެންމެ އަވަހަށް ކުޅޭނީ މި މަހުގެ 9 ވަނަ ދުވަހު ތަޖަކިސްތާނާއި ދެކޮޅަށް އެޤައުމުގައި ކުޅޭމެޗެވެ. އަދި މިމަހުގެ 14 ގައި ތަޖަކިސްތާނާއި ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށްފަހު، ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެއެވެ. އެއަށްފަހު އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗެވެ.





