ދިވެހި ސިފައިންނަށް އޮންނާނީ ދިވެހި ގައުމާއި ރައްޔިތުން ހިމާޔަތްކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވެއްޖެއެވެ.
މެންބަރު މައުރޫފް އެ ފަދައިން ވިދާޅުވީ އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ފެށި ބޮޑު އެއްވުމުގެ ތެރެއިން ވާހަކަ ދައްކަވަމުންނެވެ.
މިރޭ އެ އެއްވުމަށް އައީ ސަކަރާތް ޖަހަން ނޫން ކަމަށާއި ހޭކަށް ނޫނީ ލަވަޔަށް ނަށަން ވެސް ނޫން ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.
ދައުލަތުގެ ބާރުތައް ހިސާރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމަށާއި ރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި ޕްރައިވެޓް ސެކްޓާއަށް ހުރަސް އެޅުން ހުއްޓާލައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ 5 ހަފްތާ ތެރޭ ދީ ނިންމަންވެސް މައުރޫފް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މެންބަރު މައުރޫފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތަށް އިޔާދަކޮށް ރަށްރަށުގެ ބާރުވެރިކަން ނިގުޅައިގަތުން ހުއްޓާލުމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލައި އާސަންދައާއި ބޭސް ފަރުވާ އެމްޑީޕީގެ އެންމެފަހުގެ ވެރިކަމުގައި ލިބެމުން އައި މިންވަރަށް ފޯރުކޮިށްދިނުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރުވެސް ކަނޑުވާލައިފައިވާ ކަމަށާއި ދިވެހި ވިޔަފާރިތަކާއި އިގުތިސާދު ފުނޑާލައި މާލީ ނިޒާމު ފުނޑާވެސްލާފައިވާ ކަމުގައި މެންބަރު މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ދިވެހި ސިފައިންނަށް އޮންނާނީ ދިވެހި ގައުމާއި ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށެވެ.





