ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް އެހީގެ މަގުތައް ހުޅުވާލުމަށްޓަކައި ކަނޑުމަގުން ޣައްޒާއަށް ވަންނަން މަސައްކަތްކުރަނިކޮށް އިޒްރޭލުން ހުއްޓުވި ”ގްލޯބަލް ސުމޫދް ފްލޮޓީލާ“ ގައި ހިމެނުނު 140 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓްކޮށްފައިވާ ކަމަށް އިޒްރޭލުން ހާމަކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި 400 އަށް ވުރެ ގިނަ މީހުން، 40 އަށް ވުރެ ގިނަ އުޅަނދުގައި ޣައްޒާއަށް ވަންނަން މަސައްކަތްކުރަނިކޮށް، އިޒްރޭލުގެ ސިފައިން ވަނީ އެންމެހާ އުޅަނދުތައް ހުއްޓުވައި އެންމެން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފްލޮޓީލާގައި ހިމެނުނު ފަރާތްތަކުން ބުނަމުންދަނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވައި މީހުން ކިޑްނެޕްކުރީ ކަމަށެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ގެންދަނީ އިޒްރޭލުގެ މި އަމަލު ކުށްވެރިކުރަމުންނެވެ.
ޑީޕޯޓްކުރުމުގެ މަސައްކަތްތައް އިޒްރޭލުން ވަނީ ފަށާފަ އެވެ. އިޒްރޭލުން ހާމަކުރި ގޮތުގައި، އިއްޔެ ވަނީ ފްލޮޓީލާގައި ހިމެނުނު އިޓަލީގެ ހަތަރު މީހަކު ޑީޕޯޓްކޮށްފަ އެވެ. އަދި މިއަދު އިތުރު 137 މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ. މިއަދު ޑީޕޯޓްކުރެވުނު މީހުންގެ ތެރޭގައި އެމެރިކާ، އިޓަލީ، ޔޫކޭ، ސްވިޓްޒަލެންޑް، ޖޯޑަން އަދި އެހެނިހެން ގައުމުތަކުގެ ގިނަ ބަޔަކު ހިމެނެ އެވެ.
މި ފްލޮޓީލާގައި، މަޝްހޫރު ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް އާއި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުން ހިމެނުނެވެ. މީގެ އިތުރުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ އެތައް އެކްޓިވިސްޓުންނެއް ވެސް މި ދަތުރުގައި ބައިވެރިވެފައި ވެ އެވެ.





