ތިނަދޫ ސިޓީގައި ބާރަށް ދުއްވާފައި އައި ސައިކަލެއް ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ އިއްޔެގެ 18:16 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ތިނަދޫ އެކްސިޑެންޓުގައި މަގު ހުރަސްކުރި އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށާއި އެކްސިޑެންޓު ވުމުން އެމީހާ މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކްސިޑެންޓްވި ސައިކަލު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީސް މީޑިއާގައި ދަރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެވަގުތު މަގުމައްޗަށް ދުއްވައިގެން ކުއްޖެއްގެ ގައިގައި ޖެހޭ މަންޒަރު ފެނެއެވެ.
ސައިކަލު ދުއްވަން އިން ޒުވާނާ ސައިކަލު މަތަކުރަން މަސައްކަތް ކުރި ނަމަވެސް ސައިކަލު ގޮސް ޖެހުނީ އެ ކުއްޖާގެ މޫނުގައެވެ. އެވަގުތު ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔަ އިރު ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު ފެނެއެވެ.





