ޤައުމީ ފުޓްސަލް ޓީމުގެ ތަރި، އަލީ ހާފިޒު (ހާއްޕެ) ގެ ފަޔަށް ލިބުނު އަނިޔާއަށް ފަރުވާކުރުމުގެ ހަރަދު ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އާއި ނެޝަނަލް ސްޕޯޓްސް އޮޕަރޭޝަންސް އެންޑް ޕްރޮމޯޝަންސް (އެންސްޕާ) އިން ހަމަޖައްސައިދޭނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ސަރުކާރުން އެހީތެރިކަން ނުދޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް ރައްދު ދެއްވަމުން ޠާރިޤް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުއެވެ.
ހާފިޒަށް އަނިޔާވީ މިދިޔަ މަހު މިޔަންމާގައި ކުރިޔަށް ދިޔަ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މިޔަންމާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކޮށްދިން ހާފިޒަށް، ފައިގެ ކުޑަހުޅަށް ލިބުނު ބޮޑު އަނިޔާއަކާއި ގުޅިގެން، މެޗު ނިމެން ގާތްވެފައިވަނިކޮށް ބޭލީ އަށިގަނޑަށް ލައިގެންނެވެ.
އޭނާގެ ފަރުވާއަށް ސަރުކާރުން އެހީ ނުވާކަމަށްބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވާ ޠާރިޤް ވިދާޅުވީ އަނިޔާވި ފުޓްސަލް ކުޅުންތެރިޔާ އިންޑިއާއިން އޮޕަރޭޝަން ކުރުމަށް އެއްބަސްވީ ބުރާސްފަތި ދުވަހުގެ މަޝްވަރާއަށްފަހުގައި ކަމަށެވެ. އަދި އޮޕަރޭޝަނަށް ދާނެ ޚަރަދާއި، ކުޅުންތެރިޔާ އާއި 2 އެހީތެރިންނަށް ތިބުމާއި ކެއުމުގެ ޚަރަދު ކުރާނީ އެފްއޭއެމް އާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކުގައި ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ތަރި ހާފިޒަކީ، 2022 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 11 މެޗު ކުޅެދީ 6 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ހާފިޒަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން، މިހާރު ކުރިޔަށްދާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އޭނާއަކަށް ނުކުޅެވެއެވެ. މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު، އަދި ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ގައި މުހިންމު ދައުރެއް އަދާކުރި ހާފިޒު، މެޗުތަކުން ނުފެނުނުކަމުގައިވިޔަސް، އާރްއާރްސީ ކުޅޭ މެޗުތައް ބަލަން ދަނޑުގައި އިނދެއެވެ.
ކްލަބް މޯލްޑިވްސްއިން ވަނީ ހާފިޒަށް ޝުކުރުގެ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. އަދި އަނިޔާއިން ރަނގަޅުވެ އަލުން އެނބުރި ދަނޑުމައްޗަށް އައުމަށް އޭނާއަށް ހިތްވަރުދީފައެވެ. ހާފިޒުގެ އަވަސް ޝިފާއަކަށް ދިވެހި ކުޅިވަރުގެ އާއިލާއިން އެދެމެވެ.





