ނިއުކްލިއާ މަޝްރޫއާ ގުޅުވައި ހުޅަނގުގެ ގައުމުތަކުން އީރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅު ހަަދަން އެދިވަޑައިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވައިފިއެވެ.
އަރަގްޝީ އެފަދަ ސިޓީއެއް ފޮނުވިކަން ހާމަކުރެއްވީ ރާއްޖެއާ ލަންކާއާ ދެ ގައުމަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީރިޒާ ޑިލްކުޝްއެވެ.
އެ ސިޓީގައި އަރަގްޝީ އެދިވަޑައިގަތީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން އެޅި ފިޔަވަޅުތަކަށް ފާޅުގައި ދެކޮޅުހެދުމަށެވެ.
އެ ސިޓީގައި އަރަގްޝީ ފާހަގަކުރައްވާފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމަ އެކަނި އީރާނާ ހިސާބުން ނިމޭ ކަމެއް ނޫން ކަމަށާއި މިއަދު އީރާނަށް އެކަނި ފިޔަވަޅު އެޅިޔަސް، ކުރިމަގުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވެސް ހަމަ އެފަދަ ފިޔަވަޅުތައް އަޅާފާނެ ކަމަށެވެ.
މީގެ އިތުރުން އަރަގްޝީ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ދެކޮޅު ނުހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެފިކަސީ ގެއްލޭނެ ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑަށް އިތުބާރު ގެއްލޭނެ ކަމެއްކަމަށެވެ. އެހެންވެ ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރަން އަރަގްޝީ ވަނީ ރާއްޖެއަށް ގޮވާލާފައެވެ.
އީރާނަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރާ ނަމަ އެއީ އެހެން ގައުމުތަކާ ދެކޮޅަށް އަމަލުކުރާނެ ނުބައި ”ޕްރެސިޑެންޓެއް“ އުފަންވާނެ ސަބަބަކަށް ވެދާނެ ކަމަށް ވެސް އަރަގްޝީ ވިދާޅުވިއެވެ.
ރާއްޖެއަށް އީރާނުން މިފަދަ ސިޓީއެއް ފޮނުވީ ހުޅަނގުގެ ގައުމުތަކުން އދ. މެދުވެރިކޮށް، އީރާނަށް ދަތިކުރާ ”ސްނެޕްބެކް މެކޭނިޒަމް“ގެ ނަން ދީފައިވާ ފިޔަވަޅުތައް ފާއިތުވި މަހުގެ 28 ގައި އދ. އިން ތަންފީޒުކުރަން ފެށުމުންނެވެ.





