އިންޑިއާގެ ދެ ސްޓޭޓަކުން، ކެއްސާތީ ދޭ ބޭހެއް ބުއިމުގެ ސަބަބުން ފަސް އަހަރުން ދަށުގެ ނުވަ ކުދިން މަރުވެފައިވާ މައްސަލައެއް ފެންމަތިވެ، މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ. މި ހިތާމަވެރި ހާދިސާތައް ހިނގާފައިވަނީ އޮގަސްޓް މަހު ފަހުކޮޅުން ފެށިގެންނެވެ.
މި މައްސަލައާ ގުޅިގެން ފެޑެރަލް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ވަނީ ތަހުގީގަށް އަމުރުކޮށްފައެވެ. ”ކޯލްޑްރިފް“ ކިޔާ މި ބޭހުގެ ބެޗެއްގައި ނުރައްކާތެރި މިންވަރަށް ވިހަ ކެމިކަލެއް ހުރިކަން ފާހަގަވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ޓަމިލް ނާޑޫގެ ދެކުނު ސްޓޭޓުގައި ހުންނަ ސްރެސަން ފާމާއިން އުފައްދާފައިވާ މި ބޭހުގެ ސާމްޕަލްތައް އެ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ޓެސްޓްކުރިއިރު ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ޑައިތިލިން ގްލައިކޮލް (ޑީއީޖީ) ހުރިކަން ފާހަގަކުރެވުނެވެ. ޑީއީޖީއަކީ ސިނާއީ ސޮލްވެންޓްތަކުގައި ބޭނުންކުރާ ވިހަ މާއްދާއެއް ކަމުން، ކުޑަ މިންވަރަކަށް ވެސް ކެއުމުން މަރުވެދާނެއެވެ. ބޭސް ބުއި ކުދިން މަރުވެފައިވަނީ ބޭސް ދިން ފަހުން ކިޑްނީގައި އިންފެކްޝަން އުފެދި، ކިޑްނީ ފެއިލްވެގެންނެވެ.
ޓަމިލް ނާޑޫގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ކާންޗީޕޫރަމްގައި ހުންނަ ސްރެސަން ފާމާގެ މެނުފެކްޗަރިން ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގައި ޑީއީޖީ ތަޣައްޔަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މަދްޔަ ޕްރަދޭޝްގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެމްޕީއެފްޑީއޭ) އިން ތަހުލީލުކުރި 13 ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލްގައި ޑީއީޖީ ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ފާއިތުވި 15 ދުވަސް ތެރޭގައި އެ ބޭސް ބޮއެގެން މަދްޔަ ޕްރަދޭޝްއިން ހަ ކުދިން މަރުވީ ކިޑްނީ ފެއިލްވެގެންނެވެ. މީގެ އިތުރުން ރާޖިސްތާނުގައި ވެސް މި ބޭސް ބޮއެގެން ދެ ކުއްޖަކު ވަނީ މަރުވެފައެވެ.
ރާޖިސްތާނުގައި، މި ބޭހުން ކުދިން މަރުވެ އަދި ބަލިވި މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރުމުން، އެއީ ރައްކާތެރި ބޭހެއްކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެމީހުންގެ ކުރިމަތީގައި ބޭސް ބުއި ސީނިއާ ޑޮކްޓަރަކު އޭގެ އިރުކޮޅެއް ފަހުން އޭނާގެ ކާރު ތެރޭގައި ހަބަރު ހުސްވެފައި އޮއްވައި ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންމެ ގިނަ ކުދިން މަރުވެފައިވާ މަދްޔަ ޕްރަދޭޝްގައި މި ބޭސް ވިއްކުން މިހާރު މަނާކޮށްފައިވާ ކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު މޯހަން ޔާދާވް ވިދާޅުވިއެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، ޓަމިލް ނާޑޫއާއި ކެރެލާ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އެ ސަރަހައްދުތަކުގައި މި އުފެއްދުން މަނާކޮށްފައެވެ.
މިފަދަ ހާދިސާތައް އިންޑިއާއަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ވަނީ ކެއްސާތީ ދޭ ބޭހުގައި މިފަދަ މައްސަލަތައް ދިމާވެ ކުދިން މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ އިރު، ސިއްހީ އޮފިޝަލުން އަންނަނީ ބޭހުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް ގޮވާލަމުންނެވެ.





