ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑުން ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށާއި އެމްއޭސީއެލުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އެމްއޭސީއެލް ކޮންމެ ކަމެއްގައި ވެސް ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި އެ ސްޓޭކްހޯލްޑަރުންނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމަށް ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓުގެ ބޭފުޅުންނާއި އިމިގްރޭޝަން ކޮންޓްރޯލަރު، ސީޕީ ރިޓަޔާޑް އަހުމަދު ފަސީހު އާއި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ޕޮލިސް، އެމްއެންޑީއެފް، މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް އަދި އެމްއޭސީއެލްގެ ވެރިންނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ އޮފިޝަލުން ވެސް އެ ބައްދަލުވުމުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.





