މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުމަށް ތައްޔާރުވަމުން އަންނަ ”އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން“ އަށް ލިޔުން ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެމްއޭގެ މަޖައްލާއަށް ލިޔުން ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިޤްތިޞާދީ މާހިރުން އަދި އިޤްތިޞާދީ ލިޔުންތައް އުފެއްދުމަށް ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
އެ މަޖައްލާގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގިތިސޯދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެ ކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ ލިޔުންތަކެވެ.
އެ މަޖައްލާއަށް ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ހައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގުތިސޯދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު މައުލޫތައް ހިމެނިދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ ހުށަހަޅާ ލިޔުންތަކުގައި 500 އާއި 2,000 ބަހާއި ދެމެދުގެ ލިޔުންތަކަށް ވާން ޖެހޭނެ ކމަށާއި އެ މަޒުމޫނުތައް ޝާއިޢުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު ފަރާތްކަށް ފައިސާގެ އަދަދެއް ލިބޭނެ ކަމަށެވެ.
ލިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 9 ވަނަ ދުވަސް ކަމަށް އެމްއެމްއޭއިން ބުނެއެވެ. މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ ”ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޮރ އައިލެންޑް އިކޮނޮމީސް“އެވެ.
އެމްއެމްއޭއިން ބުނީ އެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކުންނާއި، އިގުތިސޯދީ އަދި މާލީ މާހިރުންނަށް އެ މީހުންގެ ހިޔާލުތަކާއި އައު ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތް ފޯރުކޮށްދޭނެ މަންސައެއް ކަމަށެވެ.





