ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި، އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، މިހާތަނަށް 50 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
މި ހާދިސާގައި، ނޭޕާލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، ނޭޕާލުގެ އިރުމަތީގެ، އިންޑިއާއާ ގުޅޭ ބޯޑަރު ސަރަޙައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް، 35 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އެކި ހިސާބުތަކުގައި ފެންބޮޑުވެގެން، ނުވަ މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، ހޮނުއަޅައިގެން ތިން މީހުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޕާލުގެ ކާރިސާތަކާބެހޭ އިދާރާގެ ތަރުޖަމާނަކު ވިދާޅުވީ، މި ހާދިސާގައި މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން، ގިނަ ހައިވޭތަކާއި މަގުތައް ވެސް އެއްގަމު އުޅަނދަށް ދުއްވަން ދަތިވެ، ދަތުރުފަތުރަށް ވަނީ ބުރޫއަރައިފައެވެ.
މީގެ އިތުރުން، ކަތުމަންޑޫ އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން އެތެރޭގެ އުދުހުންތަކަށް ބުރޫއަރާފައިވީނަމަވެސް، ބައިނަލްއަގުވާމީ އުދުހުންތައް އެއްވެސް ހުރަހެއް ނެތި ކުރިއަށްދާ ކަމަށެވެ.
ބޯކޮށްވާރޭވެހުމުގެ ސަބަބުން، ނޭޕާލުގެ އިރުދެކުނުގައި އޮންނަ ކޯޝީ ކޯރު ވެސް ބަންޑުންވުމުގެ ނުރައްކާ ބޮޑުވެފައިވާކަމަށް އޮފިޝަލުން ވަނީ އިންޒާރުދީފައެވެ. މާދަމާގެ ނިޔަލަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.





