އިނގިރޭސިވިލާތުގެ ދެކުނު އައްސޭރީގައި އޮންނަ ބްރައިޓަންގެ ޕީސްހެވަން ސަރަހައްދުގައި ހުންނަ މިސްކިތެއްގައި ނުރައްކާތެރި ގޮތަކަށް އަލިފާން ރޯކޮށްލާފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.
މި ހާދިސާ ހިނގި އިރު، މިސްކިތް ތެރޭގައި ދެ މީހަކު ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ އިރު، ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ނަފްރަތުގެ ސަބަބުން ކުރި ކުށެއް ކަމަށް ތުހުމަތުކުރެވޭ. މިކަމުގެ ސަބަބުން މުސްލިމް މުޖުތަމައުއަށް ވަނީ ބޮޑު ކަންބޮޑުވުމެއް ކުރިމަތިވެފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ހިލޭސާބަހަށް މިސްކިތުގެ މެނޭޖަރުކަން ކުރާ ފަރާތުން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ބަލަކްލާވާ އަޅައިގެން ތިބި ދެ މީހަކު މިސްކިތުގެ ދޮރު ގަދަކަމުން ހުޅުވަން މަސައްކަތް ކުރުމަށްފަހު، މިސްކިތަށް ވަދެ ސިޑިމައްޗަށް ޕެޓްރޯލް އަޅައި، އެތަން ރޯކޮށްލާފައިވާ ކަމަށެވެ.
މި ނުރައްކާތެރި ހާދިސާގައި، މިސްކިތް ތެރޭގައި ތިބި ދެ މީހުންނަށް އަނިޔާއެއް ނުލިބި ސަލާމަތްވެވުމުން، މިސްކިތުގެ ވޮލޓިއަރަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ”މި ހާދިސާ މަރުގެ މައްސަލައަކަށް ބަދަލުވީސް“ ކަމަށެވެ. ނަމަވެސް، ހުފިހަމަދި އެ ދެމީހުންނަށް ސަލާމަތްވެވުނު ކަމަކީ ހިތްހަމަޖެހުމެއްކަން އޭނާ ފާހަގަކުރިއެވެ.
އެ ސަރަހައްދުގެ ފުލުހުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، މި ހާދިސާގައި އިންސާނަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް، މިސްކިތުގެ ކުރިމަތީ ދޮރާއި ބޭރުގައި ޕާކުކޮށްފައި އޮތް ވެހިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
”މިކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި، އަދި އޭގެ ސަބަބުން މުސްލިމް މުޖުތަމައަށް ކުރާނެ އަސަރުތައް އަޅުގަނޑުމެންނަށް ވިސްނޭ،“ ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެރީ ބޮހާނާއާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. މި ހަމަލާ ދިން ފަރާތްތައް ހޯދުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީސްހެވަންގެ މިސްކިތަށް ދިން މި ހަމަލާއަކީ އަޅުކަންކުރާ ތަނަކަށް އިނގިރޭސިވިލާތުގައި ފަހަކަށް އައިސް ދިން ދެވަނަ ނުރައްކާތެރި ހަމަލާއެވެ. މީގެ ތިން ދުވަސް ކުރިން އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނަ ފައްޅިއެއް ކަމަށްވާ ކްރަމްޕްސަލްގެ ހީޓަން ޕާކް ހިބްރޫ ފައްޅިއަށް ބަޔަކު ހަމަލާދީ، ދެ މީހަކު ވަނީ މަރާލާފައެވެ. ފުލުހުން ވިދާޅުވީ، އެ ހަމަލާ ”ނިރުބަވެރި“ ހަމަލާއެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
މިފަދަ ހާދިސާތަކަކީ އިނގިރޭސިވިލާތުގައި ދީނީ މިނިވަންކަމާއި ރައްކާތެރިކަމަށް އޮންނަ ނުރައްކާތެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަންކަމެވެ.





