މަޝްހޫރު ފިލްމު އެކްޓަރު އަރުބާޒް ޚާންއަށް ބާވީސް އަހަރު ފަހުން ދެވަނަ ކުއްޖަކު ލިބިފައިވާކަމުގެ އުފާވެރި ޚަބަރު ވަނީ އިންޑިއާގެ މީޑިއާތަކުން ފަތުރާފައެވެ.
އަރުބާޒް އާއި އޭނާގެ އަނބިކަނބަލުން ޝޫރާ ޚާންއަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.
އަރުބާޒަށް ދެވަނަ ކުއްޖަކު ލިބުމާ ގުޅިގެން އޭނާގެ އާއިލާއިން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. ބޮލީވުޑްގެ އެތައް އެކްޓަރުންނާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އަރުބާޒުގެ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ. ހަމައެއާއެކު، އަރުބާޒުގެ ބޭބެ، ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން ވެސް ވަނީ މި އުފަލުގައި ބައިވެރިވުމަށް މުމްބާއީއަށް ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އަރުބާޒުގެ އަންހެނުން ޝޫރާ ވިހާފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި މުމްބާއީގެ މަޝްހޫރު ޕީޑީ ހިންދޫޖާ ހޮސްޕިޓަލުގައެވެ. މީގެ އިތުރުން، ޝޫރާ އާއި އަރުބާޒު އިއްޔެގެ ވަގުތެއްގައި އެ ހޮސްޕިޓަލްގެ ބޭރުގައި ތިބި މަންޒަރު ވެސް މީޑިއާ ރިޕޯޓަރުންނަށް ފެނިފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ބޮލީވުޑްގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ 35 އަހަރުގެ ޝޫރާ ޚާން އާއި 58 އަހަރުގެ އަރުބާޒް ޚާން ކައިވެނި ކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ގައެވެ.
މިހާރު ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އަރުބާޒުގެ މިއީ ދެވަނަ ކައިވެންޏެވެ. އަރުބާޒު އެންމެ ފުރަތަމަ ކައިވެނިކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު މޮޑެލް މަލައިކާ އަރޯރާއާއެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު، އެ ކުއްޖާގެ އުމުރުން މިހާރު 22 އަހަރެވެ.
އަރުބާޒް އާއި މަލައިކާގެ ކައިވެނި ރޫޅާލީ ދެ މީހުންގެ ކައިވެންޏަށް 19 އަހަރުވީ ފަހުންނެވެ.





