އަހިވަކަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ. މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެެކެވެ. އަހިވަކަކީ ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ.
އަހިވަކުން ލިބޭ ޞިއްޙީ ބައެއް ފައިދާ…
ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު:
އަހިވަކުގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުންނަނީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތައް ކަމުގައިވާ ކެރޮޓިނޮއިޑް އަދި ބަޔޯފްލޭވޮނޮއިޑް ތަކުގެ ސަބަބުންނެވެ. އަހިވަކުގައި ހުންނަ ”އެންތްރަކިނޯން“ އަދި ”ސްކޮޕޯލެޓީން“ އަކީ ފާހަގަކުރެވޭ ދެ އެންޓި އޮކްސިޑެންޓެވެ. މިއީ ކެންސަރުގެ ސެލްތައް އިތުރުވުން ހުއްޓުވައި އަދި ކެންސަރުގެ ސެލްތައް ހަށިގަނޑަށް ފެތުރުވުން ހުއްޓުވުމުގެ ދައުރެއް ކުޅޭ މާއްދާ ތަކެކެވެ.
އަހިވައް ޖޫހަކީ ފާރުގަނޑު އަދި ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުގައި ހުންނަ ޖަރާސީމް އަސަރު ދުއްވާލާ އެއްޗެކެވެ. ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ޚާއްޞިއްޔަތު އަހިވަކަށް ލިބެނީ އޭގައި ހިމެނޭ އެންތްރަކިނޯންގެ ސަބަބުންނެވެ.

ހަންގަނޑަށްކުރާ ލިބޭ ފައިދާ:
އަހިވައް ފުރަތަމަ ފާހަގަވެގެންދިޔައީ ހަމުގެ ބަލިތަކަށް ފަރުވާކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް، ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި، ދިއްގޮނޑި، އަނގައިގެ ފާރު، ފަންގަސްގެ ޖަރާސީމް އެޅުން، ދަދު، ބޮލުގެ ހަމުގެ ބަލިތަކަށް ފަރުވާކޮށްފައިވެއެވެ. މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޝޭމްޕޫ އެއްގެ ގޮތުގައި އަހިވައް ޖޫހސް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ، ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ.
ނޭވާލާ ނިޒާމަށްކުރާ ފައިދާ:
ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް އަހިވައް ބޭނުންކޮށްގެން ލުއިކަން ހޯދައިދެވިދާނެއެވެ.
ނާރުތަކުގެ ނިޒާމަށްކުރާ ފައިދާ:
އަހިވައް ފަނި ބޭނުންކުރުމަކީ އޮޕަރޭޝަންކުރުމުން އަދި ވިހެއުމުން އުފެދޭ ތަދު ލުއިކޮށްދޭ ކަމެކެވެ. ”ސިންގަލްސް“ ފަދަ ބަލިތަކުގެ ސަބަބުން ނާރަށް ގެއްލުންވެ އުފެދޭ ތަދު ކުޑަކުރުމަށް ވެސް އެހީތެރިވެދެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހިވައް ފަނި ބުއިމަކީ ސިކުނޑީގައި ހުންނަ ”ސިރަޓޮނިން“ ގެ ރިސެޕްޓަރ ތައް ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. ސިރޮޓޮނިން އަކީ ނިދުން ވަކި އިންތިޒާމަކުން ގެންދިއުމަށް އެހީތެރިވެދީ މާޔޫސްކަމާއި ހާސްވެ ކަންބޮޑުވުން ބޮލުގައި ރިހުމާއި ބޮލުގެ އެއްފަޅީގައި ރިހުން ފަދަ ކަންތައްތަކަށް ލުއިކަން ގެނެސްދޭ މާއްދާއެކެވެ. އަދި ހަދާނުގެ ބަޔަށް އަސަރުކުރާ އެލްޒެއިމާ ބަލީގެ އުދަގޫތައް ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ތުރުތުރުއަޅާ ބަލީގެ ސަބަބުން މެދުވެރިވާ ތުރުތުރު އެޅުމުގެ މައްސަލަ ހައްލުކޮށްދެއެވެ.
އަހިވަކުގައި ހިމެނޭ ކާނާގެ ބައިތައް:
އަހިވަކަކީ ސަރުބީ އަދި ތެޔޮ މަދު މޭވާއެކެވެ. ޕްރޮޓީން އަހިވަކުގައި ހިމެނެނީ ދުވާލަކަށް ބޭނުންވާ މިންވަރުގެ 12 އިންސައްތައެވެ. އަހިވަކުގައި ހިމެނޭ އެހެން ބައެއް މާއްދާ ތަކުގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން ބީގެ ވައްތަރުތައް، ޕޮޓޭސިއަމް، ކެލްސިއަމް، ސޯޑިއަމް، ދަގަނޑު، އަދި ވިޓަމިން އޭ ހިމެނެއެވެ.





