ބައިވެރިޔާއަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އިތުރުވަމުން އަންނަކަމަށް ފާހަގަކުރެވެއެވެ. ދިރާސާ ރިޕޯޓެއްގައި ވަނީ ކައިވެނި ކުރުމަށްފަހު، ޚާއްޞަކޮށް ދަރިން ލިބުމަށްފަހު، ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދިނުމުގެ މުހިންމުކަމާއި މެދު އަލިއަޅުވާލާފައެވެ.
ދިރާސާގައި ބައިވެރިވި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ދުވަހުގެ ބިޒީ ޝެޑިއުލްއަށްފަހު، ދެމަފިރިން އެކުގައި ވަގުތު ހޭދަކުރުމަކީ ވަރަށް ބުރަކަމަކަށް ވެފައިވެއެވެ. އަދި ލިބޭ ހުސްވަގުތު ގިނަ މީހުން ސޯޝަލް މީޑިއާގައި ހޭދަކުރާކަން ފާހަގަކޮށްފައިވެއެވެ.
”މިއީ ވަރަށް ބޮޑު މައްސަލައެއް. ބައިވެރިޔާ ކައިރީގައި ހުންނައިރުވެސް ބައިވެރިޔާއަށް ދޭންވާ ސަމާލުކަން ދެވެނީ ފޯނުގެ ސްކްރީނަށް. މިކަމުގެ ސަބަބުން ގިނަ ގުޅުންތަކެއް ނިމިގެން ދޭ،“ މި ދިރާސާ ހެދި ޓީމުގެ އިސް ފަރާތެއް ކަމުގައިވާ ޑރ. އާމިނަތު ޝަހުލާ ވިދާޅުވިއެވެ.
ދިރާސާގައި ހުށަހަޅާފައިވާ ހައްލުތަކުގެ ތެރޭގައި، ނިދުމުގެ ކުރިން އަބަދުވެސް ދެމީހުން އެކުގައި ވަގުތު ހޭދަކުރުމާއި، ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ބައިވެރިޔާއަށް ހާއްސަކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކުގައެކުގައި ދުއްވާލަން ދިއުމާއި، ފިލްމު ބެލުމާއި، ހަފްތާއަކު އެއް ފަހަރު ރެސްޓޯރެންޓަށް ދިއުން ފަދަ ކަންކަން ހިމެނެއެވެ.
”ހަދިޔާ ބަދަލުކުރުމާއި، ކޮށްދޭ ކުދިކުދި ކަންތައްތައް ބަލައިގަތުމާއި، އެކަކު އަނެކަކަށް ހިތްވަރު ދިނުމާއި، ގޭތެރޭގެ މަސައްކަތުގައި ބައިވެރިވުމަކީވެސް ވަރަށް މުހިންމު ކަންތައްތައް،“ ޑރ. ޝަހުލާ އިތުރަށް ވިދާޅުވިއެވެ.
މި ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، ބައިވެރިޔާއަށް ސަމާލުކަން ދިނުމަކީ ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް، އުފާވެރި އާއިލީ މާހައުލެއް ޤާއިމުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ މުހިންމުކަން އާންމުންގެ މެދުގައި އިތުރަށް ހޭލުންތެރިކުރުވުމަށް ސަރުކާރުގެ ކަމާބެަމާބެހޭ އިދާރާތަކުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.





