ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތަކުގައި ދަތުރުކުރި އިތުރު 171 މީހުން އިޒްރޭލުން ޑީޕޯޓްކޮށްފިއެވެ. މީގެ ތެރޭގައި ސްވީޑަންގެ މަޝްހޫރު އެކްޓިވިސްޓު، ގްރިއެތަ ތުންބަރީ ވެސް ހިމެނެއެވެ.
އޮގަސްޓު މަހުގެ ފަހުކޮޅު ޣައްޒާއަށް ދަތުރު ފެށި ޖީއެސްއެފްގެ އުޅަނދުތަކުގައި 44 ޤައުމަކަށް ނިސްބަތްވާ 500 އަށްވުރެ ގިނަ އެކްޓިވިސްޓުންނާއި، ބައެއް ޤައުމުތަކުގެ ޕާލަމެންޓް މެންބަރުން އަދި މަޝްހޫރު ޝަޚްޞިއްޔަތުތައް ހިމެނެއެވެ. މި އުޅަނދުތައް ޣައްޒާއާ ކައިރިވުމުން އިޒްރޭލު ސިފައިން ވަނީ އެ އުޅަނދުތައް ހުއްޓުވައި، އޭގައި ތިބި މީހުން ހައްޔަރުކޮށްފައެވެ.
އެންމެ ފަހުން ޑީޕޯޓްކުރެވުނު 171 މީހުންނާއެކު، މިހާތަނަށް ޖުމްލަ 341 މީހުން ވަނީ އެކި ޤައުމުތަކަށް ފޮނުވާލައިފައެވެ. މި މީހުން ފޮނުވާލައިފައިވަނީ ގްރީސް، އިޓަލީ، ފަރަންސޭސިވިލާތް، އަޔަލެންޑް، ސްވީޑަން، ޕޮލެންޑް، ޖަރުމަނުވިލާތް، ބަލްގޭރިޔާ، ލިތުއޭނިޔާ، އޮސްޓްރިޔާ، ލަކްސަމްބަރގް، ފިންލެންޑް، ޑެންމާކް، ސްލޮވޭކިޔާ، ސްވިޒަލެންޑް، ނޯވޭ، އިނގިރޭސިވިލާތް، ސަރބިޔާ އަދި އެމެރިކާއަށެވެ.
ޑީޕޯޓްކުރެވުނު ގިނަ އެކްޓިވިސްޓުން ވަނީ އިޒްރޭލު ސިފައިންގެ އަނިޔާވެރި އަމަލުތަކުގެ ވާހަކަ ހާމަކޮށްފައެވެ. ސްވިޒަލެންޑްގެ ބައެއް އެކްޓިވިސްޓުން ބުނެފައިވަނީ އެމީހުންނަށް ނިދުމަށް ހުރަސްއަޅައި، ފެނާއި ކާބޯތަކެތި ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބައެއް މީހުންނަށް އަނިޔާކޮށް، ކޮށްޓަކަށް ލައި ތަޅުލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ސްޕެއިންގެ އެކްޓިވިސްޓުން ވެސް ހާމަކޮށްފައިވަނީ އެމީހުންނާމެދު އިޒްރޭލު ސިފައިން އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގައިގައި ތަޅައި، ބިމުގައި ދަމައި، އަތާއި ފައި ބަނދެ، ކޮށިކޮށްޓަށް ލައި، ހުތުރު ބަހުން މުޚާތަބުކުރުން ހިމެނެއެވެ.
ސްވީޑަންގެ އެކްޓިވިސްޓުން ބުނެފައިވާ ގޮތުގައި ގްރިއެތަ ތުންބަރީއަށް ވެސް އަނިޔާކޮށް، އިޒްރޭލުގެ ދިދައެއް އޭނާގެ ގައިގައި އޮޅުމަށް މަޖުބޫރުކޮށްފައިވެއެވެ. އަދި އެހެން ގިނަ އެކްޓިވިސްޓުންނަށް ވެސް ސާފު ކާބޯތަކެއްޗާއި ފެން ނުދީ ހިފަހައްޓައި، އެމީހުންގެ ބޭހާއި އެހެނިހެން ސާމާނު އަތުލާފައިވާ ކަމަށް ބުނެފައިވެއެވެ.
ސްޕެއިންގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމަށްވާ އަދަ ކޮލައު ވަނީ މި ހާދިސާއާ ގުޅޭގޮތުން އިތުރު ބަހެއް ދީފައެވެ. އޭނާ ބުނެފައިވަނީ އިޒްރޭލުން ފްލޮޓިއްލާގގެ މެންބަރުންނާމެދު އިހާނެތިކޮށް ޢަމަލުކޮށްފައިވީ ނަމަވެސް، މިއއީ ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ދެމުންދާ ލާއިންސާނީ އަނިޔާތަކާ އަޅާބަލާއިރު ކުޑަ ކަމެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އިޒްރޭލުގެ ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކެއް ކަމަށް ބައެއް ޤައުމުތަކުން ވަނީ ބުނެފައެވެ.
މި ހާދިސާއިން އަލިއަޅުވާލެވެނީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާ މިންވަރާއި، އެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާގެ މައްޗަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ގޮވާލާފައިވާއިރު، އދ އިން ވެސް ވަނީ ދެފަރާތުގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށް އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ސަރުކާރުން އަދި ވަކި ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ މިނިވަންކަމަށް ތާއީދުކުރާކަން ފާހަގަކޮށްލެވެއެވެ.





