ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ޕްރޮޑިއުސްކުރާ އޭނާގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްއިން އާ ބަތަލާއެއް ބޮލީވުޑަށް ތަޢާރަފުކުރަން ނިންމައިފިކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
މި އާ ބަތަލާއަކީ ޕަރުވަތީ ތިރުވޮތޫ ނަމަކަށް ކިޔާ، މަޅަޔާލަމް އަދި ތަމަޅު ފިލްމުތަކުން މިހާރުވެސް ފެންނަމުންދާ ތަރިއެކެވެ. ރިތިކްގެ މި ވެބް ސީރީސްއިން ޕަރުވަތީގެ އިތުރުން އަލާޔާ އެފް، ސްރިޝްތީ ސިރުވާސްތަވާ، ރަމާ ޝަރުމާ އަދި ރިތިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަބާ އާޒާދު ފަދަ އިތުރު ބަތަލާއިން ވެސް ފެންނާނެ ކަމަށް ބުނެވެއެވެ.
މި ވެބް ސީރީސްގެ ޑައިރެކްޓަރަކީ މީގެ ކުރިން ވެސް ސީރީސްތައް ގެނެސްދީފައިވާ އަޖިތު ޕަލް ސިންގްއެވެ. އޭނާ ކުރިން ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ވެބް ސީރީސްތަކުގެ ތެރޭގައި 2021 ވަނަ އަހަރު ސޮނީ ލިވްއިން ގެނެސްދިން ތްރިލަރ ”ޓައްބަރު“ ހިމެނެއެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، މި ވެބް ސީރީސްއަކީ ސޯޝަލް ތްރިލަރެކެވެ. އަދި މުޖުތަމަޢާ ގުޅުންހުރި ގިނަ ހާދިސާތަކެއް މި ވެބް ސީރީސްއިން ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ވެސް ބުނެވެއެވެ.
ރިތިކްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދޭން ނިންމާފައިވާ މި ވެބް ސީރީސްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުންދާ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އެންމެ ފަހުން ޔަޝް ރާޖް ފިލްމްސްގެ ”ވޯ 2“ އިން ބެލުންތެރިންނަށް ފެނިފައިވާ ރިތިކް، ވަރަށް އަވަހަށް ފިލްމު ޑައިރެކްޝަނަށް ވެސް ނުކުންނާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އެގޮތުން ރިތިކް ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދޭނެ ފުރަތަމަ ފިލްމަކީ އޭނާގެ ކެރިއަރުގެ މަޤްބޫލު ފްރެންޗައިޒް ”ކްރިޝް“ ގެ ހަތަރުވަނަ ފިލްމެވެ.
މި ވެބް ސީރީސްއާއި ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އަޅުގަނޑުމެން އެ މަޢުލޫމާތު ހިއްސާކުރާނަމެވެ.





