ކްލަބް މޯލްޑިވްސް 2025 ގެ ކްލެސިކް މުބާރާތުގެ ފައިނަލް މެޗުގައި ކުލަބު ބިނާރާ ބަލިކޮށް ޓީމު އެޗްޕީއެސްއެންއިން ޗެމްޕިއަންކަން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު އެޗްޕީއެސްއެންއިން ކާމިޔާބުކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި 2 ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ލީޑު ނަގާފައި ވަނީ އެޗްޕީއެސްއެން އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިހާމެވެ.
އޭގެ ފަހުން އެ މެޗުގައި ބިނާރާއިން ފޮނުވާލި ގިނަ ހަމަލާތަކެއް އެޗްޕީއެސްއެންގެ ގޯލްކީޕަރު އަޙްމަދު ސަމީރު ވަނީ ދިފާއުކޮށްފައެވެ. އެ މެޗުގައި އެޗްޕީއެސްއެންއިން ލީޑު ފުޅާކޮށްފައި ވަނީ 2 ވަނަ ހާފުގެ 11 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އަޙްމަދު ރިލްވާނެވެ.
އެ މެޗުގައި ބިނާރާއިން ފަރަގު ކުޑަކޮށްފައި ވަނީ މެޗު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އިބްރާހީމް ނާމީއެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި އެޗްޕީއެސްއެންގެ އަޙްމަދު ރިލްވާން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދީފައެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އެޗްޕީއެސްއެންގެ އަޙްމަދު ޝޫން އާއި، މުޙައްމަދު ސޮލާހު އާއި، ގޯލްކީޕަރު އަޙްމަދު ސަމީރުގެ އިތުރުން ބިނާރާގެ އަލީ އިރުފާދު އަދި މުޙައްމަދު އަނޫފް ނާޝިދެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗު (މާސްޓަރ އޮފް ކްލެސިކް) އަކީ އެޗްޕީއެސްއެންގެ މުޙައްމަދު ޝަނީޒްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކްލެސިކް ކިންގް) އަކީ އެޗްޕީއެސްއެންގެ އަޙްމަދު ޝޫންއެވެ.





