ބޮލީވުޑްގެ މަގުބޫލު އަދި ކާމިޔާބު ފިލްމު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ދަރިފުޅު ވީރު ހިރާނީ ފިލްމު އިންޑަސްޓްރީއަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. މިކަމަށްޓަކައި އޭނާ ތައްޔާރުވަމުން އަންނަނީ މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާގެ ޕްރޮޑަކްޝަން ކުންފުނި މެދުވެރިކޮށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ”ޕީޕިންގްމޫން“ ގައި ބުނެފައިވާ ގޮތުން، ވީރު ފިލްމީ ދާއިރާއަށް ތައާރަފް ކުރާނީ ހަންސަލް މެހެތާގެ ޕްރޮޑަކްޝަން ކުންފުނި، ޓްރޫ ސްޓޯރީ ފިލްމްސްއިންނެވެ. މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ މަޅަޔާލަމް ފިލްމުތައް އުފެއްދުމަށް މަޝްހޫރު ލީޖޯ ޖޯސް ޕެލިސެއްރީއެވެ. ލީޖޯ ޖޯސްއަށް ވެސް މިއީ ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަށް ބަތަލާއިން ހޮވުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާއިރު، އަންނަ އަހަރުގެ ފެބްރުއަރީ މަހު ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޕީޕިންގްމޫންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ވީރު ހިރާނީއަކީ ތައުލީމީ ގޮތުން ވެސް ފިލްމީ ދާއިރާއަށް ތައްޔާރުވެފައިވާ ޒުވާނެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ރޯޔަލް އެކަޑެމީ އޮފް ޑްރެމެޓިކް އާޓްއިން މަތީ ތައުލީމު ހާސިލުކޮށްފައެވެ. ބޮޑު ސްކްރީނަށް ތައާރަފްވުމަށް ތައްޔާރުވަމުން އަންނައިރު، އޭނާ މިހާރު ވެސް އަންނަނީ ޖިއޯ ހޮޓްސްޓާއަށް އޭނާގެ ބައްޕަ ރާޖްކުމާރު ހިރާނީ އުފައްދާ ވެބް ސީރީސްއެއް ކަމަށްވާ ”ޕްރީތަމް ޕެޑްރޯ“ ގެ ރޯލަކަށް ތައްޔާރުވަމުންނެވެ. އެ ސީރީސްގެ ލީޑް ތަރިންނަކީ އަރުޝަދު ވަރުސީ އާއި ވިކްރާންތު މަސޭއެވެ. ނަމަވެސް ބޮޑު ސްކްރީނަށް ވީރު ލޯންޗު ކުރުމުގެ ޒިންމާ ނަގާފައިވަނީ ޑައިރެކްޓަރު ހަންސަލް މެހެތާގެ ޕްރޮޑަކްޝަން ކުންފުނިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑައިރެކްޓަރު ހަންސަލް މެހެތާއަކީ ”ސިޓީ ލައިޓްސް“، ”ފަރާޒް“ އަދި ”ދަ ބަކިންގްހަމް މާޑާސް“ ފަދަ ކާމިޔާބު ގިނަ ފިލްމުތައް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރެކެވެ. ވީރު ހިރާނީގެ ބޮލީވުޑްގެ ދަތުރު ފެށިގެންދާނެ ގޮތް ބެލުމަށް އިންޑަސްޓްރީގެ އެތައް ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ





