އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ. އެކަން އޭނާ އިއުލާނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާއާ އެކު އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
މިވަގުތު ސުވިޒަލޭންޑްގައި ޗުއްޓީ ހޭދަކުރަމުން އަންނަ މި ދެމަފިރިން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި ބާރްތީ ފެންނަނީ ވެސް ބަނޑުބޮޑުކޮށެވެ. ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާނު ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ދެ ތަރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި އަލަތު ދަރިފުޅަށް ބަލިވެއިން ބަތަލާ ޕަރިނީތީ ޗޯޕްރާ، އީޝާ ގުޕްތާ، ޓެލެވިޒަން ތަރިން ކަމަށްވާ ދްރަޝްތީ ދަމީ، ޖަންނަތު ޒުބައިރު، އަބީޝެކް މަލްހަން އަދި އަންޖަލީ އާނަންދު ހިމެނެއެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އަންހެން ކޮމީޑިއަންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބާރްތީ، ހާޝް ލިމްބާޗިއާއާ ކައިވެނިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ. އަލަތު ދަރިފުޅު ލިބުމަށްފަހު މަންމައަކަށް ވުމުން ކުރެވޭ އިހުސާސަކީ ބުނެދޭން ވެސް ނޭނގޭހާ އުފާވެރި، ހިތްގައިމު އަދި ޖަޒުބާތީ އިހުސާސްތަކެއް ކަމަށް ބާރްތީ ބުނެފައިވެއެވެ. އަދި ކައިވެންޏަށްފަހު އޭނާގެ ދިރިއުޅުން ދެކެ އިހުނަށްވުރެ ބޮޑަށް ލޯބިޖެހި އުފަލުގައި ދިރިއުޅެން ބޭނުންވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ދާދިފަހުން ބާރްތީ ބައިވެރިވި ޕޮޑްކާސްޓެއްގައި ވެސް އޭނާ ބުނެފައި ވަނީ ދެވަނަ ކުއްޖަކު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އުއްމީދުކުރަނީ ދެވަނައަށް ލިބޭ ކުއްޖަކީ އަންހެން ކުއްޖަކަށް ވުން ކަމަށެވެ. ކޮމެޑީ ޝޯތަކުން ލިބުނު މަގުބޫލުކަމާ އެކު ބާރްތީ އަކީ މިހާރު ކުޅަދާނަ ޓީވީ ހޯސްޓެއް ވެސް މެއެވެ. ބާރްތީ އާއި ފިރިމީހާ ހާޝް އަންނަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ވެސް ހިންގަމުންނެވެ. ބެލުންތެރިންގެ ލޯބި ހޯދާފައިވާ މި ކުޅަދާނަ ކޮމީޑިއަން ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.





